ހޮސްޕިޓަލުތަކުގެ އައިނު ފިހާރަތަކުން 23،000 އައިނު ދޫކޮށްފި

މީގެކުރިން ރާއްޖޭގައި ނަންބަރު އައިނު ހެއްދުމަކީ، ބޮޑު ހޭދައެއް ކުރަންޖެހިފައި އޮތް ކަމެކެވެ. ރައްޔިތުންގެ ޖީބަށް ލުއިވާނެހެން، ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިވެގެން ދިއުމަކީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކަމެކެވެ. މި އުންމީދުތަކުގައި ކުލަޖެއްސުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކުރި "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗްއިން މައުލޫމާތުދެއްވައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްސީޖީއެޗުން ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23،847 އައިނު ހައްދާފައިވާ ކަމަށެވެ. މީގެތެރެއިން ގިނަ އަދަދެއްގެ އައިނު މިހާރު ތައްޔާރުކޮށް ހަވާލުކޮށްފައިވާ ކަމަށް އެމްސީޖީއެޗުން ވިދާޅުވިއެވެ.
ސަރުކާރު ހޮސްޕިޓަލުތަކުގެ ތެރެއިން މިހާތަނަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ އައިނު ފިހާރަ ޤާއިމުކޮށްފައިވަނީ، 4 ހޮސްޕިޓަލެއްގައެވެ. އެއީ، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްސީޖީއެޗުން ވަނީ މިހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތަކުން ހައްދާ ނިންމާފައިވާ އައިނާއި، އައިނު ހެއްދުމަށް މިހާރު އޯޑަރުކޮށްފައިވާ ތަފާސް ހިސާބު ހިއްސާކުރައްވާފައެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން އައިނު ހައްދާފައިވަނީ، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައިންނެވެ.
- އައިޖީއެމްއެޗު އައިނު ފިހާރައަށް ޖުމްލަ 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ހައްދައި ހަވާލުކޮށްފައިވެއެވެ.
- ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައަށް ޖުމްލަ 8,934 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން 8,247 އައިނު ހައްދައި ވަނީ ހަވާލުކޮށްފައެވެ.
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ހައްދައި ހަވާލުކޮށްފައިވެއެވެ.
- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު ޖުމްލަ 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ހައްދައި ވަނީ ހަވާލުކޮށްފައެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގު ހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުގެ ދަށުން ފެށި ޚިދުމަތެކެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން 15 ޖެނުއަރީ 2026 އިން ފެށިގެން އާސަންދައިގެ ޚިދުމަތް ދޭން ރަޖިސްޓްރީވެފައިވާ އަމިއްލަ 18 ތަނަކުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ލިބޭނެކަން އާސަންދަ ކުންފުނިން ވަނީ އިޢުލާންކޮށްފައެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ބްރާންޗުތަކާއި، އެޑްވާންސް އައި ކްލިނިކާއި، ސިޓީ އޮޕްޓިކަލްއާއި، ވިޜަން ކްލިނިކް އަދި ސިނަހިޔާގެ އިތުރުން ބައެއް އެހެނިހެން މެޑިކަލް ސެންޓަރުތައް ހިމެނޭ ކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދެއްވައެވެ.
ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެކުރިން ދިނީ، ކޮންމެ ދެއަހަރުން އެއްއަހަރު 1,000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ ވަނީ، 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދޭ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ