ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ރައީސަކު އިންތިހާބުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށްޓައި އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ނަމަ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހަރަދުވާނެކަން އެނގިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލު ގެނެސް، އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު ވަނީ ފަށައިފަ އެވެ. އެގޮތަށް ނިޒާމު ބަދަލު ކުރަން ބޭނުންވާކަން ވެރިކަން ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުން ކައިރީ ރައީސް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެ އެވެ.
ނިޒާމު ބަދަލު ކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހެ އެވެ. މި އަހަރު އެ ވޯޓު ނަގަން ބޭނުންވެވަޑައިގަންނަވާ ކަމަށް މަޖިލިސް މެންބަރުންނާއެކު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވި އެވެ.
މިކަމުގެ ތަފުސީލު އެނގޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދެމުން ބުނީ، މުޅި ރާއްޖޭގައި ބާއްވާ ޖެނެރަލް އިންތިހާބަކަށް މަދުވެގެން 45 މިލިއަން ރުފިޔާ އާއި 55 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ އެވެ. ފެންނަ ނުފެންނަ ވޯޓުގައި ކުރާ ސުވާލުތަކުގެ އަދަދަށް ބަލާ ހަރަދު ބޮޑުވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަަށް ވެސް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މައުލޫމާތު ދީފައިވެ އެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓަށް ދާނެ ހަރަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ފެންނަ ނުފެންނަ ވޯޓު ނަގައި ގާނޫނުއަސާސީ ބަދަލުކޮށް ރިޔާސީ އިންތިހާބުގެ ވޯޓުލާ ގޮތް ބަދަލުކުރަނީ ހަރަދު ކުޑަކުރުމަށް ކަމަށް ސަރުކާރުގެ ވެރިންނާއި ޕީއެންސީގެ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.
ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައިވާ ގޮތުން ދެވަނަ ބުރު އުވާލުމުން، ކޮންމެ ފަސް އަހަރަކުން 21 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ސަލާމަތްވާނެ އެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަނީ ވޯޓުލާ ނިޒާމު ބަދަލުކުރަނީ ހަރަދުކުޑަކުރަން ކަމަށް ބުނަނީ ހެޔޮނިޔަތެއް އޮވެގެން ނޫން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ވަކާލާތު ކުރައްވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށްފަހު ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ރާއްޖެއަށް ގެނައުމަށެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެއްބުރުން ވެރިޔަކު ހޮވުމުގެ ސިޔާސަތަށް މިހާތަނަށް ތާއީދުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ މިކަމާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުން އަގުލަބިއްޔަތު ލިބިގެން، ރައްޔިތުންގެ ސާފު މެންޑޭޓަކާއެކު މިހާރު ރައީސުލްޖުމްހޫރިއްޔާ ހޮވަންޖެހޭ ގޮތަށް ނިޒާމު އޮއްވައި އެކަން ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަމަށް ކަމަށެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ މިކަމާ ދެކޮޅު ހައްދަވައިފަ އެވެ. ޝާހިދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ހަމަޖެހިއްޖެ ނަމަ ވޯޓު އޮޅުވާލަން ފަސޭހަވާނެ ކަމަށެވެ.
ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ފުރަތަމަ ބުރުގައި 50 ޕަސެންޓުން މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރު، އޭރު އެމްޑީޕީން ވާދަ ކުރެއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އެކަންޏެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން: ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހަރަދުވާނެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން: ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހަރަދުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ