ކުރީގެ ޕްރޮސްކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް އަށް ހަމަލާދިން މައްސަލައިގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ޝަމީމަށް ހަމަލާދިން ކަމަށް ބުނާ ހަތް މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ މުހިންމު ހެއްކަކީ ސީސީޓީވީ ފުޓޭޖު ކަމަށެވެ. ނަމަވެސް އެ ސީސީޓީވީގެ ޓައިމްލައިންގައި ފުށުއެރުންތަކެއް ހުރުމުން އަމަލު ހިންގީ އެމީހުންކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
"މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އަނިޔާ ލިބުނު ފަރާތަކީ މި މައްސަލައިގެ ވިކްޓިމްއަށް ވެފައި އެފަރާތުގެ ހެކިބަހަށް ބުރަދަންދޭ އިތުރު ހެކި މި މައްސަލައާއެކު ހުށަހެޅިފައި ނެތް،" ކޯޓުން ބުންޏެވެ.
"މި މައްސަލައިގެ ތަހުގީގުކުރި ފަރާތުގެ ބަޔާނާއި، ތަހުގީގުކުރި ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަކީ، މި މައްސަލައިގައި ހޯދާފައިވާ ވީޑިއޯ ފުޓޭޖުތަކުގެ މައްޗަށް ހުށަހަޅާފައިވާ ވާހަކަތަކަކަށްވެފައި، ވީޑިއޯ ފުޓޭޖުތަކާއި، އެނަލިސިސް ރިޕޯޓުގެ ކްރެޑިބިލިޓީ ގެއްލިފައިވާ ހާލަތުގައި މިއީ ދައުވާ ސާބިތު ކުރުމަށް ކާފީ ހެއްކެއް ނޫން."
މީގެއިތުރުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެހެން ހެކިތަކަށް ބަލާއިރު، ކުށް ކުރީ ދައުވާ ލިބޭ މީހުން ކަމަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ހުށަހަޅާފައެއް ނެތް ކަމަށް ކޯޓުން ބުނެ އެވެ.
އެ މައްސަލާގައި ދައުވާ ކުރީ ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް އާއި، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން އާއި ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމް އާއި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް އާއި، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން އާއި ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނުގެ އަދި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރުގެ މައްޗަށެވެ.
ޝަމީމަށް ހަމަލާދިނީ ސައިކަލު ޕާކޮށްފައި ގެެއަށް ވެދެވަޑައިގަންނަވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ. އަދި ޝަމީމަށް ހަމަލާދީފާ ވަނީ މަރުތޭލަކުން ކަމަށާއި އެ ހަމަލާގެ ސަބަބުން އޭނާގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދުލި ކަމަށް ފުލުހުން ބުނެ އެވެ.
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން ކަމަށް ބުނާ މީހުންގެ މައްޗަށް ކުށް ސާބިތެއްނުވި ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން ކަމަށް ބުނާ މީހުންގެ މައްޗަށް ކުށް ސާބިތެއްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ