އިރާނަށް ހަމަލާދޭން އިސްރާއީލު ތައްޔާރު، ސަރަޙައްދުން މީހުން ބޭރުކުރަން އެމެރިކާއިން ފަށައިފި

އިރާނަށް ހަމަލާދިނުމަށް އިސްރާއީލުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މިކަމުގެ މަޢުލޫމާތު އެމެރިކާގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފިއެވެ. 
މި ހަމަލާއާ ގުޅިގެން އިރާނުން ބަދަލުހިފުމުގެ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ ބިރަށް، އެމެރިކާއިން ވަނީ ސަރަޙައްދުގައި ތިބި އެ ޤައުމުގެ ބައެއް މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގައިފައެވެ.
އިސްރާއީލުގެ ހަމަލާއަކަށްފަހު، އިރާނުން އެންމެ ބޮޑަށް އަމާޒު ހިފާފާނެ ކަމަށް ބެލެވެނީ އިރާޤުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ކަމަށްވާތީ، އެމެރިކާއިން ވަނީ ސަރަޙައްދުގައި ތިބި އެ ޤައުމުގެ ބައެއް ރައްޔިތުންނަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އިރުޝާދު ދީފައެވެ.
މިގޮތުން، “ސަރަޙައްދީ ފިކުރުގިނަވުން ބޮޑުވެފައިވާ” ކަމަށް ބުނެ، އިރާޤުގައި ތިބި ސަރުކާރުގެ މުހިންމު ނޫން މަޤާމުތަކުގެ މުވައްޒަފުން އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އަމުރުކޮށްފައެވެ. އަދި މެދުއިރުމަތީގެ އަސްކަރީ މަރުކަޒުތަކުގައި ތިބި ސިފައިންގެ އާއިލާތަކަށް، އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދިއުމުގެ ފުރުޞަތު ޕެންޓަގަންއިން ދީފައިވާ ކަމަށް ދިފާޢީ އޮފިޝަލަކު ވިދާޅުވިއެވެ.
އިރާޤުން މީހުން ބޭރުކުރުމުގެ ނޯޓިހާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ނުރައްކާތެރި ތަނަކަށް ވެދާނެ ގޮތެއް ފެންނަ ކަމަށެވެ.
އަނެއްކޮޅުން، އިރާނުގެ ދިފާޢީ ވަޒީރު އަޒީޒް ނާސިރުޒާދާ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ނިއުކްލިއާ ވާހަކަތައް ނާކާމިޔާބުވެ، “މަޖުބޫރުން ހަނގުރާމައެއްގެ ތެރެއަށް” އެ ޤައުމު ވައްދައިފިނަމަ، އެމެރިކާ ސިފައިން ތިބި ހުރިހާ ޤައުމެއްގެ އަސްކަރީ މަރުކަޒުތަކަށް ތެހެރާނުން ހަމަލާދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ