އޮޅުވެލިން ފުރަތަމަ މޮޅު ހޯދިއިރު މެރީނާއަށް ވެސް ބޮޑު މޮޅެއް

ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސައުތު ކާފު ޒޯނުގެ ގްރޫޕް އޭގައި ދަ މެރީނާ ކުޅުނު ދެވަނަ މެޗުން މޮޅުވިއިރު، ސަން ސިޔާމް އޮޅުވެލިން ވެސް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ކްރޮސްރޯޑްސްގައި ކުރިއަށްދާ މުބާރާތުގައި މިއަދު ދަ މެރީނާ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށްފައި ވަނީ އެނބޫދޫ ވިލެޖާ ވާދަކޮށް 9-1ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އެސްއޯ މޯލްޑިވްސްއާ ވާދަކޮށް 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެނބޫދޫ އާއި މެރީނާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޓެކާސް އެނބޫދޫ ވިލެޖާ ދެކޮޅަށް ކުޅުނު މެޗުގައި މެރީނާގެ ޝިފާޒް އާދިލް، ހަސަން ލައުހު، އަދި އަލީ އައިހަމް ރަޝީދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ދެން އެ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ނޫހު އިބްރާހީމާއި އަހަމަދު މާހިރު މުހައްމަދެވެ. އެނބޫދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ހަސަން ނިފާޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ މެރީނާގެ ޝިފާޒް އާދިލެވެ. އެނބޫދޫ އާއި ދަ މެރީނާ ކްރޮސްރޯޑްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝިފާޒް އާދިލް (ކަޅު ޖާރޒީގައި) -- ފޮޓޯ: ޓެކާސް ދެވަނަ މެޗު ސަން ސިޔާމް އޮޅުވެލިން ކާމިޔާބުކޮށްފައިވަނީ އެސްއޯ މޯލްޑިވްސްއާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-2ގެ ނަތީޖާއަކުންނެވެ. އޮޅުވެލިން ކުޅުނު ފުރަތަމަ މެޗު ވަނީ ވެލައްސަރު އަތުން 2-2އިން އެއްވަރުވެފައެވެ. އެހެންކަމުން މި ގްރޫޕުގެ ފޯރި މި ވަނީ ގަދަވެފައެވެ. މެޗުގައި އޮޅުވެލީގެ ތިން ލަނޑު ކާމިޔާބުކުރީ ކެޕްޓަން އަބްދުﷲ ސިނާން އާއި އާދަމް މަމްދޫންގެ އިތުރުން ހުސެއިން އަމްޒަތެވެ. އެސްއޯ މޯލްޑިވްސްގެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ އޮޅުވެލީގެ ކީޕަރު އަބްދުﷲ ސުމެއިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ލަނޑު ކާމިޔާބުކުރީ އޮޅުވެލީގެ ބައިސް ކެޕްޓަން އިބްރާހީމް ވިޝާމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލީގެ އަލީ ޝިޔާއުއެވެ. ސަން ސިޔާމް އޮޅުވެއްޔާި އެސްއޯ މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޓެކާސް މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖޭޑަބްލިއު މެރިއަޓް އާއި ސާއީ ލެގޫން މޯލްޑިވްސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮޒެން ލައިފް މާދޫ އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއެވެ. ސައުތު ކާފު ޒޯނު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ދަ މެރީނާ، އެސްއޯ މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖެވެ. ގްރޫޕް ބީގައި ހިމެނެނީ ޖޭ ޑަބްލިއު މެރިއަޓް، އޮޒެން ލައިފް މާދޫ، ސާއީ ލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ. މި މުބާރާތުގެ ސްޓްރީމިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މުބާރާތުގެ މެޗުތައް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ