މިހާރު ހިނގަމުންދާ ހަނގުރާމައިގައި ސުލްހަވުން އޮތީ އީރާނުގެ އަތްމަތީގައި ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބުނެފިއެވެ.
މިދިޔަ ހަފްތާ ބަންދުގައި ޕާކިސްތާނުގައި ބޭއްވި އެ މަޝްވަރާތަކަކީ އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ބޭއްވި ފުރަތަމަ މަތީ ފަންތީގެ ބައްދަލުވުމެވެ.
އިސްލާމްއާބާދުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައުމާ ގުޅިގެން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ ދެން އޮތް ފިޔަވަޅެއް އެޅުން އޮތީ އީރާނުގެ އަތްމަތީގައި ކަމަށެވެ.
ވޭންސް ވިދާޅުވި ގޮތުގައި އެމެރިކާއިން ވަނީ އެގައުމުގެ ރަތް ރޮނގުތައް ވަރަށް ސާފުކޮށް ހާމަކޮށްފައެވެ. އޭގެ ތެރޭގައި އީރާނުގެ ޔުރޭނިއަމް ފްލެކްސިބިލިޓީ ކޮންޓްރޯލް ކުރުމާއި، ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން ވެންސް ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ހުއްޓާލައިފިނަމަ، އެމެރިކާއިން، އީރާނަކީ އާދައިގެ ގައުމެއްގެ ގޮތުގައި ބަލައިގަނެ، އިގުތިސާދީ ގޮތުން އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ނަމަވެސް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އޭގެ ތެރޭގައި ދަތުރުކުރާ އާގުބޯޓުތަކުގެ އަތުން ފީ ނަގަމުންދާ މައްސަލައިގައި ރައީސް ޓްރަމްޕް ވަނީ ހަރުކަށި އިންޒާރެއް ދެއްވައިފައެވެ. އަދި އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުންނަ ބޯޓުތައް ބްލޮކް ކުރުމުގެ އަމުރެއްވެސް ވަނީ ދީފައެވެ.
އެމެރިކާއިން އީރާނަށް ދެމުންދިޔަ ބޮން އެޅުމުގެ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އިސްލާމްއާބާދުގެ މަޝްވަރާތައް 21 ގަޑިއިރަށް ދެމިގެންދިޔަ ނަމަވެސް، އީރާނުން އެމެރިކާގެ ޝަރުތުތައް ގަބޫލުކޮށްފައި ނުވާތީ އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދެ ގައުމުންވެސް މަޝްވަރާތައް ކުރިއަށް ގެންގޮސް، ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލައްވައިފައެވެ.
ސުލްހަވުން އޮތީ އީރާނުގެ އަތްމަތީގައި: ޖޭޑީ ވޭންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ