އިޒްރޭލާއި ލުބުނާނުގެ މަންދޫބުން ސުލްހައިގެ މަޝްވަރާތަކެއް ފަށައިފިއެވެ.
އިޒްރޭލާއި ލުބުނާނުގެ މަންދޫބުން އެމެރިކާގެ ވޮޝިންގްޓަންގައި މިއަދު ބައްދަލުކުރައްވައި، ސަރަހައްދީ ހަމަޖެހުމަށް މަގުފަހިކުރުމުގެ މުހިންމު މަޝްވަރާތަކެއް ވަނީ ފަށައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ، ފާއިތުވި ހަފުތާތަކުގައި އިޒްރޭލާއި ހިޒްބުﷲ ޖަމާއަތާ ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކަށް ނިމުމެއް ގެނައުމެވެ.
މިދިޔަ މާޗް މަހުގެ ކުރީކޮޅުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ރިޕޯޓުކުރެއެވެ. އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެއްގަމު މަގުން އަރައިގަނެފައިވާ އިރު، ހިޒްބުﷲ އިން ދަނީ އިޒްރޭލުގެ މައި ސިޓީތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ފޮނުވަމުންނެވެ.
މި ނުތަނަވަސްކަން ހައްލުކުރަން ޖެހިފައިވަނީ، ޕާކިސްތާން މެދުވެރިވެގެން އީރާނާއެކު އެމެރިކާއިން ކުރިއަށްދާ މަޝްވަރާތަކުގައި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަކީ އީރާނުން ހުށަހަޅާފައިވާ މައިގަނޑު ޝަރުތަކަށް ވާތީއެވެ.
މި ބައްދަލުވުމަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި މި ދެ ގައުމުގެ މެދުގައި، ސިޔާސީ ފެންވަރެއްގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ. ދެ ފަރާތުގެ މަންދޫބުން ވޮޝިންގްޓަންގައި މަޝްވަރާކުރަމުން ގެންދަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާނެ އޮނިގަނޑަކާއި، ދާއިމީ ސުލްހައަކަށް ދިއުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.
އިޒްރޭލާއި ލުބުނާނުގެ މަންދޫބުން ސުލްހައިގެ މަޝްވަރާތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ