"ހަނގުރާމައާ ގުޅޭ މަޝްވަރާތައް އަލުން ފެށުމުގެ ފުރުޞަތު ބޮޑު"

‏މެދުއިރުމަތީގެ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް އަނެއްކާ ވެސް ފެށޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އދގެ ސެކެޓްރީ ޖެނެރަލް، އެންތޯނިޔޯ ގުތޭޚެޝް ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ވަނީ މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އެއާއެކު އީރާނުން ވެސް ވަނީ ދުޝްމަނުންނަށް ގެއްލުން ދިނުމަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ހަ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު އެމެރިކާއާއި އީރާންއާ މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމާ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެމެރިކާގެ ވަފުތު ވަނީ ޕާކިސްތާނުން ފުރައިިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޕާކިސްތަނުގައި މަޝްވަރާތައް ފެށުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އެ ކަމާ ގުޅޭގޮތުން ގުތޭޚޭޝްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ މަޝްވަރާތައް އަލުން ފެށޭނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.
ގުތޭޚޭޝް ވަނީ އޭޕްރިލް މަހުގެ 14ވަނަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައި، ޞުލްޙަ ޤާއިމްކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވައިފައެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. މިހާ ނާޒުކު، އަދި ބޮޑު މައްސަލައަކަށް މަޝްވަރާގެ އެންމެ ބުރަކުން ޙައްލެއް ލިބުމަކީ ނާދިރު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޝްވަރާތައް ކުރިއަށްދާ މުއްދަތުގައި ވެސް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ