އީރާނުގެ އެންމެ އިސް ލީޑަރު ހުރި ތަން އެނގޭ، އެއީ ފަސޭހަ ޓާގެޓެއް: ޓްރަމްޕް

އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ފިއްލަވައިގެން ހުންނެވިތަން އެނގިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިފަދައިން ވިދާޅުވެފައި ވަނީ އޭނާ ސޯޗަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. "އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭ 'ސުޕްރީމް ލީޑަރު' ކަމަށް ބުނާ މީހާ ފޮރުވިގެން ހުރީ ކޮންތާކުކަން" އެ ޕޯސްޓުގައި ވެއެވެ. މި ޕޯސްޓުގައި ވަނީ، އާޔަތުﷲ ޢަލީ ޚާމަނާއީ އަކީ ފަސޭހަ ޓާގެޓެއް ކަމަށެވެ. ނަމަވެސް، އޭނާ އެ ހުރީ ރައްކާތެރިކަމާ އެކު ކަމަށާއި މިވަގުތު އޭނާ މަރާލަން ބޭނުން ނުވާކަމަށް އެ ޕޯސްޓުގައި ވެއެވެ. "އެކަމަކު އަހަރެމެން ބޭނުމެއް ނޫން މިސައިލްތައް ފޮނުވައިގެން އާންމުންނަށް ނުވަތަ އެމެރިކާ ސިފައިންނަށް އަމާޒުކޮށް [އިރާނުން]ބަޑިޖަހާކަށް." އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ. ފޮޓޯ/އޭޕީ ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ޚާމަނާއީ އަވަހާރަކޮށްލަން އިސްރާއީލުން ރާވާފައިވާ ރޭވުމަށް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލުކުރާތާ ފަސް ދުވަސް ވެފައިވާއިރު، އީރާނުގެ މައްޗަށް މިހާރު ކޮންޓްރޯލް އެބައޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އީރާނާ ގުޅޭގޮތުން އެގޮތަށް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވާއިރު، ގައުމީ ސަލާމަތީ ޓީމާއެކު އަވަސް މަޝްވަރާތަކެއް ކުރުމަށް ހޯމަ ދުވަހު ކެނެޑާގައި ފެށި ޖީސެވަން ބައްދަލުވުން ކުރުކޮށްލެއްވުމަށްފަހު ޓްރަމްޕް ވަނީ އަނބުރާ ގައުމަށް ވަޑައިގެންފައެވެ. ނިއުކްލިއާ އާ އެއްބަސްވުމަކަށް ދިއުމަށް އީރާނާއެކު އެމެރިކާއިން ކުރަމުންދާ މަޝްވަރާތައް އަދިވެސް ކޮޅެއްގައި ނުޖެހޭތީ، އީރާނަށް އަމާޒުކޮށް ޓްރަޕްގެ ފާޑިކިޔުން ވަނީ އިތުރުވެފައެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ހަމަލާތައް ދޭން ފެށުމުން އީރާނުން ވަނީ މަޝްވަރާތައް ހުއްޓައިލާފައެވެ. އަދި އިސްރާއީލުން ހަމަލާދޭހާ ހިނދަކު މަޝްވަރާތައް އަލުން ނުފަށާނެ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ