ޖަރުމަނުވިލާތުގައި އިއްޔެ ބޭއްވި އިންތިހާބުގައި ފްރެޑްރިކް މެރުޒް އިސްވެ ހުންނަވާ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ކާމިޔާބުކޮށްފި އެވެ. އަދި މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހަރުކަށި ފިކުރުގެ ޕާޓީއަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ޗާންސެލަރު އޮލާފް ޝޮލްޒް ވަނީ އޭނާގެ ސެންޓާ ލެފްޓް ސޯޝަލް ޑިމޮކްރެޓިކްސް އިންތިހާބުން ބަލިވިކަން ގަބޫލުކުރައްވައިފަ އެވެ. އަދި ޓީވީ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި މިއީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ ޕާޓީއަށް ލިބުނު އެންމެ ދަށް ނަތީޖާ އެވެ. އެ ޕާޓީ ދިޔައީ ތިން ވަނަ އަށެވެ.
މެރުޒް ވިދާޅުވީ އުއްމީދަކީ އީސްޓާ ގުޅިގެން ކޯލިޝަން ސަރުކާރެއް ގާއިމު ކުރެއްވުން ކަމަށެވެ. ނަމަވެސް ފެންނަ ފެނުމަށް އެއީ ގޮންޖެހުމަކަށްވާނެ އެވެ.
ނޮވެމްބަރު މަހު ޝޮލްޒްގެ މަގުބޫލުކަން ދަށަށް ގޮސް ކޯލިޝަން ރޫޅިގެން ދިއުމާ ގުޅިގެން އިންތިހާބު ބޭއްވީ ރޭވިފައި އޮތް ވަރަށް ވުރެ ހަތް މަސް ކުރިންނެވެ.
ޔޫރަޕްގެ އެންމެ ބޮޑު އިގުތިސާދު އެތައް އަހަރެއް ވަންދެން ވަޅުޖެހިފައި އޮތުމުގެ ކަންބޮޑުވުމާއި ހިޖުރަކުރުން ހުއްޓުވުމަށް އޮތް ޕްރެޝަރުގެ ސަބަބުން އެ ކެމްޕެއިންގެ ބާރު ގަދަވެގެން ދިޔަ އެވެ. އަދި ފާއިތުވި ހަފުތާތަކުގައި މާރުޒް ހަރުކަށި ވިސްނުމަށް ބޮޑަށް ބާރު އެޅުމުން ނުތަނަވަސްކަން އިތުރުވި އެވެ. އެކަން ހިނގީ ޔޫކްރެއިންގެ މުސްތަގުބަލާއި ޔޫރަޕުން އެމެރިކާއާ އެކު ހަދާފައިވާ އިއްތިހާދުގެ މުސްތަގުބަލާ މެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ޖަރުމަނަކީ 27 ގައުމު ހިމެނޭ ޔޫރަޕިއަން ޔޫނިއަންގެ އެންމެ އާބާދީ ބޮޑު އަދި ނޭޓޯގެ އެންމެ އިސް މެމްބަރެވެ. އެމެރިކާއަށް ފަހު ޔޫކުރެއިނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެނީ ވެސް ޖަރުމަނުވިލާތުންނެވެ.
ހިޔާލު ހޯދުމުގެ ޕޯލްތަކާއި މިހާތަަނަށް ގުނި ވޯޓަށް ބިނާކޮށް ހަދާފައިވާ އަންދާޒާތަކުން މެރުޒްގެ ޔޫނިއަން ބްލޮކަށް ގާތްގަނޑަކަށް %28.5 ތާއީދު ކުރެ އެވެ. އަދި ހިޖުރަކުރުމާ ދެކޮޅު އޮލްޓަނޭޓިވް ފޯ ޖަރުމަން އަށް ގާތްގަނޑަކަށް %20.5 ތާއީދު ކުރެ އެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާ އިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
ޝޮލްޒްގެ ސޯޝަލް ޑިމޮކްރަޓުންނަށް ތާއީދު ކުރާ މިންވަރު %16 އަށް ވުރެ ދަށެވެ. މިއީ މިދިޔަ އިންތިހާބަށް ވުރެ ދަށް އަދަދެކެވެ. ނިމިގެންދާ ސަރުކާރުގެ، ބާކީ ތިބި ބައިވެރިންގެ ތެރޭގައި ހިމެނޭ ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ގްރީންސް އޮތީ ގާތްގަނޑަކަށް %12 އެވެ.
ޖަރުމަނު އިންތާހާބު ހަރުކަށި އިދިކޮޅުން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ