ކޯމޯ އަތުން ނަޕޯލީ ބަލިވެ އެއްވަނަ މަގާމު ގެއްލިއްޖެ
އިޓާލިއަން ސެރީއާގައި ނަޕޯލީ އާއި ކޯމޯ ބައްދަލުކުރި މެޗުން ބަލިވެ ތާވަލްގެ އެއްވަނައަށް އަރަށް ލިބުނު ފުރުސަތު ނަޕޯލީން ގެންލުވާލައިފިއެވެ. ކޯމޯގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ނަޕޯލީއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ޖަހާ ލީޑު ނަގައިފާވަނީ ކޯމޯއިންނެވެ. ނަމަވެސް މިލަނޑަކީ ނަޕޯލީގެ އަމީރު ރަހްމާނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގައި ނަޕޯލީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 17ވަނަ މިނެޓުގައި ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ޖިއަކޯމޯ ރަސްޕަޑޯރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުން ކޯމޯ މޮޅުވި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 77ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަސާނޭ ޑިއާއޯއެވެ. މިމެޗުގައި ނަޕޯލީއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެޓީމަށް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު ކޯމޯ މިހާރު އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 13ވަނައިގައެވެ. މިމެޗުން ބަލިވުމުން ނަޕޯލީ މިހާރު އުޅެނީ 56 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިއާއެކު ތާވަލުގެ އެއްވަނައަށް އެރުމަށް ނަޕޯލީއަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ތާވަލްގެ އެއްވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އުޅެނީ 57 ޕޮއިންޓާއެކުއެވެ. މިމުބާރާތުގައި އެޓަލާންޓާ އާއި އެމްޕޯލީ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ފަސްލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ އެޓަލާންޓާއެވެ. މިމެޗުގައި އެޓަލާންޓާ އިން ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްފައިވަނީ އަޑެމޯލާ ލޫކްމަންއެވެ. އަދި މަޓިއޯ ރެޓެގޫ އާއި ޑޭވިޑް ޒަޕަކޯސްޓާ އިތުރު ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު ފަސްވަނަ ލަނޑަކީ އެމްޕޯލީގެ އެމަނުއެލް ގިޔާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިކާމިޔާބީއާއެކު އެޓަލާންޓާ މިހާރު އުޅެނީ 54 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި އެމްޕޯލީ އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 18ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ