މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި, ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެން ނޫސްވެރިޔާ ސުވާލުކުރީ މާލީ ހާލަތު ހުރި ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޕްރޮގްރާމަކަށް ދާނަންތޯ އެވެ. ޖަަވާބުގައި ރައީސް ވިދާޅުވީ, ޕްރޮގްރާމަކަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި ހައްލަކީ އެތެރޭގެ ހަރަދުތައް ކުޑަކުރަން ރައީސް ގެންގުޅުއްވާ "ހޯމް-ގްރޯން ފިސްކަލް ރިފޯމް" އެޖެންޑާ އެވެ.
ރައީސް މި ވިދާޅުވާ ފިސްކަލް ރިފޯމް ނުވަތަ މާލީ ރިފޯމްތަކުގެ ތެރޭގައި ހަރަދު ކުޑަކުރުމާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމާއި އިގުތިސާދަށް އާއި ދާއިރާތައް އިތުކުރުމެވެ. ހަރަދު ކުޑަކުރުމުގެ ދަށުގައި ހިމެނެނީ ސަބްސިޑީ ނިޒާމު ބަދަލުކުރުމާއި އާސަންދައިގެ ހަރަދުތައް ކުޑަކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމާއި ސިޔާސީ މަގާމުތައް މަދުކުރުމާއި މުސާރަތައް ކުޑަކުރުމެވެ.
މި ފިޔަވަޅުތަކަކީ ސަރުކާރާ ހަވާލުވީ ދުވަހުން ފެށިގެން ވެސް އަޅާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ފިޔަވަޅުތަކެކެވެ. އެކަމަކު މިއަދާ ހަމައަށް މިއިން އެއްވެސް ފިޔަވަޅެއް ނޭޅޭ ތަނުގައި ފެންނަނީ އަޅާނެ ކަމަށް ބުނަމުންދާ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހެމުންދާ ތަނެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ މެންބަރުންނާއި ސަރުކާރު ކުންފުނިތަކާއި ފަނޑިޔާރުންގެ މުސާރަތައް ކުޑަނުކުރަން ލަފާ ދޭން މަޖިލީހުން ނިންމި ނިންމުމެވެ.
މުސާރަތައް ކުޑަކުރުމުގައި ލަފައަަކަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސިޓީގައި ރައީސް އެދިވަޑައިގެންނެވީ ދެ އަހަރު ދުވަހުގެ މުއްދަތަށް މުސާރަތައް ކުޑަކުރުމާ ގުޅޭ ގޮތުން މެންބަރުން ދެކޭ ގޮތުގެ ލަފައަކަށެވެ.
މަޖިލީހުގެ ރުހުން ހޯދަން އައި ހުށަހެޅުމުގައި މުސާރަތަކާ ގުޅޭ ގޮތުން އޮތީ މައިގަނޑު ތިން ކަމެކެވެ. އެއީ މަޖިލިސް މެންބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12,000ރ. އަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ 10 ޕަސެންޓު އުނިކުރުމެވެ.
މި މައްސަލަ ދިރާސާކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ, މުސާރަތައް ކުޑަކުރަން ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހުމެވެ. ކޮމިޓީ މެންބަރުން ނިންމީ މި ގޮތަށް ގާނޫނުތަކަށް ބަދަލު ނުުގެނެސް މުސާރަތަކަށް ބަދަލު ގެނައުުން އިންސާފުވެރި ބަދަލަކަށް ނުވާނެ ކަމަށެވެ. އަދި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު އަލުން މައްސަލަ ހުށަހެޅުމަށް ރައީސަށް ލަފާ ދިނުމަށެވެ.
މަޖިލީހުގެ ރިޕޯޓުން ފާހަގަކުރެވުނު އަނެއް ކަމަކީ މި ހުރިހާ މުސާރަތަކެއް ކުޑަކުރުމުން ވެސް ދައުލަތުގެ ބަޖެޓުން ސަލާމަތްވާނެ ކަމަށް އޮތް އަދަދެވެ. އެއީ 14.1 މިލިއަން ރުފިޔާ އެވެ. މިއީ ދައުލަތުގެ ބިޔަ މާސިންގާ ބަޖެޓުގެ ތެރެއިން ޒައްރެއްގެ މިންވަރެވެ. މެންބަރުން ވެސް ބުނީ މިއަށް ވުރެ ހަރަދު ކުޑަކުރުމުގައި އިސްކަން ދޭން ޖެހޭ އެހެން ދާއިރާތައް އެބަހުރި ކަމަށެވެ.
ސަރުކާރާއި އިދިކޮޅުން ދެބަސް ނުވާ ނުކުތާއެއް އެބައޮތެވެ. ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. މައްސަލައަކީ ކަން ކުރާނެ ހިތްވަރު ނެތުމެވެ. ހަރަދު ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ޖެހުމެވެ.
ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން ވެސް ފެނުނީ މި މަންޒަރެވެ. ހަރަދު ކުޑަކުރަން ދެ އަހަރެއްގެ ބަޖެޓުގައި ފިޔަވަޅުތައް ހިމެނި ނަމަވެސް, ކުރީ ސަރުކާރަށް ވެސް މިއިން އެއްވެސް ފިޔަވަޅެއް ތަންފީޒެއް ނުކުރެވުނެވެ. ސަބްސިޑީ ބަދަލާއި އާސަންދައިގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުުތައް ފެނުނީ, ކަރުދާހެއްގައި އޮތް އިބާރާތް ކޮޅަކަށެވެ.
މި ސަރުކާރުން ވެސް ފެންނަނީ މި ގޯސްތައް ތަކުރާރުކުރަމުންދާ މަންޒަރެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ހުރި ފިޔަވަޅުތައް އެކަށީގެންވާ ޕްލޭނެއް ނެތް ކަމަށް ބުނެ ތަންފީޒުނުކޮށް މި އަހަރަށް ފަސްކުރީ އެވެ. އެކަމަކު ރައީސް ދައްކަވާ ވާހަކަތަކުންނާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މި އަހަރުގެ ތެރޭގައި ވެސް މި ފިޔަވަޅުތައް އަޅާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
މިހެން ބުނަން ޖެހެނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސަބްސިޑީ އާއި ޕެންޝަން ރިފޯމާ ގުޅޭ ގޮތުން ރައީސް ދައްކަވާފައި ހުރި ވާހަކަތަކެވެ. ބަޖެޓުގައި މިކަންކަން ހިމަނައިގެން ފާސްކުރިތާ ދުވަސްތަކެއް ނުވަނީސް ރައީސް ވަނީ އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީއެއް ނުވަތަ ޕެންޝަނަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ގައުމުގެ މާލީ ހާލަތު ހުރީ ކަންބޮޑުވާ ހިސާބެއްގަ އެވެ. ހަރަދުތައް ކުޑަކުރަން ފިޔަވަޅެއް ނޭޅޭ ތަނުގައި, ހަރަދުތައް ދަނީ ދުވަހުންދުވަހަށް މައްޗަށެވެ. ހަރަދު ކުޑަކުރަން އެޖެންޑާތަކާއި ސިޔާސަތުތަކާއި ޕްލޭންތައް އެބަ އޮތޭ ބުންޏަސް, މިއިން އެއްވެސް ކަމެއް ކުރެވޭ މަންޒަރެއް ނުފެނެ އެވެ.
މިއީ އިހުތިޔާރީ ކަމަކަށް ހަދައިގެން ކުރިއަށް ދެވޭކަށް ނެތެވެ. އެންމެ ފަހުން މި ގައުމަށް އައިސް މާލީ ހާލަތު ވަޒަންކުރި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ވަފުދުގެ ރިޕޯޓުން ވެސް މިކަން ވަރަށް ސާފެވެ. ހަރަދު ކުޑަކުރަން ވަގުތު ކުޑަ ތަން ވެއްޖެ އެވެ. އިގުތިސޯދު އަޑިގަނޑަކަށް ވެއްޓުމުގެ ކުރިން މިކަން ކުރަން އެބަ ޖެހެ އެވެ.
މިއީ ހިތްވަރެއް ހުރެގެން ވާނެ ކަންކަމެވެ. ކުރީ ސަރުކާރުގައި ކަންކަންވީހެން ސިޔާސީ މަގުސަދެއްގައި މި ފިޔަވަޅުތައް އަޅަން ފަސް ޖެހޭ ނަމަ, ގައުމު ވެއްޓެން މިދަނީ އަރަައިނުގަނެވޭނެ ވަރުގެ އަޑިގަނޑަކަށެވެ. މިކަމުން ސަލާމަތުގެ އައްސޭރިއެއް އޮތީ, މޫނަށް ކަނދުރާއަށް ސިޔާސީ މަންފާއަށް ނުބަލައި ހަރަދުތައް ކުޑަކޮށްގެންނެވެ.
މުސާރަ ކުޑަނުކުރެވުނު، ހަރަދު ކުޑަކުރަން ހިތްވަރެއް ނެތް މުސާރަ ކުޑަނުކުރެވުނު، ހަރަދު ކުޑަކުރަން ހިތްވަރެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ