މީދޫ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތް ރައީސް ޑރ. މުއިއްޒު ހުޅުވާދެއްވައިފި
ދ. މީދޫ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާދެއްވައިފި އެވެ.ރައީސް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުވައްދެއްވައި އެމަނިކުފާނު ވަނީ އާ އިމާރާތް ބައްލަވާލައްވާފައެވެ.މި އިމާރާތުން ދޭ ހިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ހިދުމަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެއެވެ. މީގެ އިތުރުން ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް އާ އިމާރާތުގައި ވަނީ ގާއިމް ކުރެވިފަ އެވެ.މީދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ މަރުކަޒެކެވެ. އަދި މި ތަނުގައި މިވަގުތު އެތަނުގައި މަސައްކަތް ކުރަނީ ދެ ޑޮކްޓަރުންނެވެ.ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން މީދޫ ސިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝުހާ އިބްރާހީމް ވިދާޅުވީ، މި އިމާރާތުން ސިއްހީ ދާއިރާގެ އިތުރު ކަންތައްްތައް ކުރުމަށްވެސް ބޭނުން ކުރެވިގެން ދާނެ ކަމަށެވެ.އޭނާ ވިދާޅުވީ، މީގެ ކުރިން މި ސިއްހީ މަރުކަޒުގެ އިދާރީ ބައިން ހިދުމަތް ދެމުން ގޮސްފައި ވަނީ ވަރަށް ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ކަމަށެވެ. އެެހެން ނަމަވެސް މިހާރު އާ އިމާރާތާއެކު އިދާރީ މުވައްޒަފުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ