އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން އަޑު އަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންގޮސްދިނުމަށް: ރައިސް

ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، އެ ކަންކަން ރައްޔިތުން ބޭނުންވާ އަމާޒަށް ގެންގޮސްދިނުމަށް އަބަދުވެސް މަސައްކަތްކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑު އަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންގޮސްދިނުމަށް" ކަމަށެވެ.
މީދޫގައި ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފަށައިގެން ކުރިއަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނީ ރައްޔިތުންނާއި މަސްވެރިން ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މީދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 14 މަގެއް ހެދުމާއެކު، ފުރިހަމަ ފެން ހިންދާ ނިޒާމެއްވެސް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ހުރިހާ މަސައްކަތަކަށްވެސް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ