ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ރާއްޖެ އަށް ފައިނަލުގެ ޖާގަ އަކާ އެކު ތާރީހީ ކާމިޔާބެއް ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ރާއްޖެ އަށް ފައިނަލުގެ ޖާގަ އަކާ އެކު ތާރީހީ ކާމިޔާބެއް

އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ނޭޕާލް ބަލިކޮށް ރާއްޖޭގެ އަންހެން ގައުމީ ޓީމު ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
މިއީ، ރާއްޖޭން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ސާބާގެ ދެ މުބާރާތުގައި ވެސް ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އެއީ، 2016 ވަަނަ އަހަރާއި 2022 ވަނަ އަހަރު އެވެ.
ތިން ގައުމުގެ މެދުގައި ކުރިއަށްދާ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި، ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އިތުރުން ރާއްޖެ އާއި ނޭޕާލް އެވެ. މި މުބާރާތުގެ ކުރީ ދެ ފަހަރުގެ ޗެމްޕިއަން، ސްރީ ލަންކާ އިން މުބާރާތް ފަށަން މަހެއްހާ ދުވަހަށް ވެފައި އޮއްވައި، ނަން ނެގުމުން މުބާރާތް ކުޅެން ޖެހިފައި މި ވަނީ ތިން ގައުމުގެ މެދުގަ އެވެ.
ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ 113-32 އިން ނޭޕާލް ބަލިކޮށްފަ އެެވެ. ދެ ވަނަ މެޗުގައި ރާއްޖޭން ވަނީ މިއަދު 53-46 އިން ބަލިކޮށްފަ އެވެ. މިދިޔަ ދެ ފަހަރުގެ ރަނަރަޕް ކަޓުވާލައި، ރާއްޖޭން މި ވަނީ ފައިނަލަށް ދަތުުރުކޮށްފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖޭން ރަނގަޅަށް ކުޅެ ލީޑުގައި އޮތެވެ. ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު، ރާއްޖެ ކުރީގައި އޮތީ 26-15 އިންނެވެ. އެކަމަކު، ތިން ވަނަ ކުއާޓަރުގައި ނޭޕާލުން ކުޅުން ރަނގަޅުކޮށް، ރާއްޖެ އަށް ޕްރެޝަރުކޮށް ޕޮއންޓަކަށް ލީޑު ވެސް ނެގި އެވެ. އެއީ، 34-35 އިންނެވެ. އެކަމަކު، ފަހު ކުއާޓަރުގައި ކުޅެން އަރައި، ރާއްޖޭން ތަފާތު ރޫހެއްގައި ކުޅެ މެޗު ކާމިޔާބުކުރީ އެވެ.
މި މެޗުގައި ރާއްޖެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، 19 ޕޮއިންޓް ސްކޯކުރި ރައިފާ އިބްރާހިމް އެވެ. ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިޔާ، އައިމިނަތު ޝިއުރާ އަބްދުލްބާރީ 11 ޕޮއިންޓް ސްކޯކުރިއިރު، އިސްރާއު އަބްދުލްޝުކޫރު (އިއްކޮ) ވަނީ 15 ޕޮއިންޓް ސްކޯކޮށްފަ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު އަންނަ ބުދަ ދުވަހު ކުޅޭއިރު، ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.
މި ފަހަރުގެ މުބާރާތަށް ރާއްޖޭން ގައުމީ ޓީމުގެ ކޯޗަކަށް، ސާބިއާގެ ވްލަޑިމީރް ސްވެޖިޗް ގެނައި ނަމަވެސް، އޭނާ ޓީމާ ހަވާލުވީ މުބާރާތަށް ވަރަށް ކުޑަދުވަސްކޮޅަކަށްވެފައި އޮއްވައި، ކަމަށްވުމުން، ޓީމު ލީޑުކުރުމުގައި އިސް ރޯލެއް އަދާކުރީ އެސިސްޓަންޓް ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ