ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރު: އެމްޕީއެލް
މިއަހަރުގެ ރޯދަމަހު ވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު ވިދާޅުވީ މުޅި ދުވަހު މަސައްކަތް ކޮށްގެން 150 ކޮންޓެއިނަރު ކުލިއާ ކުރަން ނިންމާފައިވާއިރު "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރެވޭނެ ކަމަށެވެ.އިލްޔާސް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މުދާ ކުލިއާ ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޕެރިޝަބަލް މުދާ އަވަހަށް ކްލިއާ ކުރުމަށް ކަމަށެވެ.އިލްޔާސް ވިދާޅުވީ، ޖާގަ އިތުރު ކުރި ނަމަވެސް އަދިވެސް ރާއްޖެއަށް މުދާ އިތުރު ކުރާ އަދަދާ އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.އޭނާ ވިދާޅުވީ، ކުރިން ޖެނެރަލް ކާގޯ ބޭލެނީ އެއްފަހަރާ ދެ ބޯޓު ގާތް ކޮށްގެން ކަމަށް ވިޔަސް، މިހާރު އެއްފަހަރާ ތިން ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރުމަށް އިތުރު 19 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ."ހައިލީ ޕެރިޝަބަލް ތަކެތި ގޯ ޑައުންގައި ބަހައްޓާފައި އަދި ހުޅުމާލޭގައި ވަގުތީ ޓެންޓެއް ވާނީ ބަހައްޓާފައި. އޭރުން ކާބޯތަކެތި ގެނައުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.މީގެ އިތުރުން ކޮންމެ ނަމާދެއްގެ ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނިޓުގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށްޓަކައި މުވައްޒަފުންނަށް ދެވޭނެ ކަމަށާއި، މިވަގުތުގައި ހިދުމަތް މެދުކެނޑޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ. އަދި 27 ވިލޭރޭ ބަންދުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ