ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ބަލަމުންދަނިކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް ވެރިކަން ހިންގާ ޕީއެންސީގެ ގިނަ މެންބަރުންތަކެއް ވާހަކަ ދައްކައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލެއް ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މިއަދު ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި އެ ބިލާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
"ބައެއް މެންބަރުން ވަރަށް ގަދައަށް އެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި. ވާހަކަ ދެއްކެވި ގިނަ މެންބަރުން ވާހަކަ ދެއްކީ އެ ބިލާ ދެކޮޅަށް. ނިސްބަތުން މަދު މެންބަރަކު ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވީ،" އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އެ ބިލާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހިމެނެ އެވެ.
"ބޮޗޭ ވިދާޅުވީ ތިމަންނަ ޕާޓީއިން ކަނޑާލިޔަސް އެ ބިލަށް ވޯޓެއް ނުދޭނަމޭ،" މި ނޫހާ ވާހަކަ ދެއްކި އެއް މެންބަރަކު ވިދާޅުވި އެވެ.
އެ ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހިމެނެ އެވެ.
މަޝްވަރާއަށް ފަހު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެހީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި ނަމަ، އެ ބިލު ބޭރުކޮށްލަން ނުވަތަ ބަލައިގަންނަން ވޯޓު ދެއްވާނަންތޯ އެވެ. ގިނަ މެންބަރުން ވިދާޅުވީ ރައީސް ބޭނުންވެވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވާނެ ކަމަށެވެ.
އަބްދުއްސައްތާރު ހުށަހެޅި ބިލުގައި ބުނެފައި ވަނީ އެ ބިލުގެ ބޭނުމަށް ކޯޓުން މަދު ކުރާ ދެ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ގާބިލް ނޫން ކަމަށް" ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.
އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހެޅިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކޮށްފައިވާ މެންބަރު ވަނީ މިއަދު ބަދަލުކޮށްފަ އެވެ. އެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު ވަކިކޮށް އެ މަގާމަށް އައްޔަން ކުރީ ޔަޒްމީދު މުހައްމަދެވެ.
ނޮވެމްބަރު 20، 2024، ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ. ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ގޮނޑި ގެއްލޭނެ އެވެ.
އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އެ މައްސަލަ ބަލައިގަނެ ކޯޓުގައި ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.
"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" މަހްފޫޒް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ޕީއެންސީގެ ގިނަ މެންބަރުން ވާހަކަ ދައްކައިފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ޕީއެންސީގެ ގިނަ މެންބަރުން ވާހަކަ ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ