ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އިހްތިޖާޖުތައް ބްރޯޑްކާސްޓްކުރާނަމަ، ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ބްރޯޑްކާސްޓްކުރުމުގައި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބްރޯޑްކާސްޓްކުރާނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
ބްރޯޑްކޮމްއިން މިފަދައިން ބުނެފައިވަނީ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރު ހައްވާ ޔުމްނުއަށް އިންސާފުހޯދައިދިނުމަށް ގޮވާލާ ރޭ ބޭއްވި އިހްތިޖާޖުގެ ތެރެއިން ބޭއަދަބީ އަމަލުތައް ބައެއް ފަރާތްތަކުން ބްރޯޑްކާސްޓްކުރުމާ ގުޅިގެންނެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.
އެކަން ފާހަގަކޮށް ބްރޯޑްކޮމްއިން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ "ކޯޑް އޮފް ޕްރެކްޓިސް" (ސުލޫކީ މިންގަނޑު)އަކީ ހުރިހާ ވަގުތެއްގައި ވެސް ބްރޯޑްކާސްޓަރުން އެއާ އެއްގޮތަށް އަމަލުކުރަންޖެހޭ މިންގަނޑެއް ކަމަށެވެ.
މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ލައިވްކޮށް ބްރޮޑްކާސްޓް ކުރަން ވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ހިލާފު ނުވާގޮތަށް ކަމުގައި ބްރޯޑްކޮމްއިން ބުނެއެވެ.
އެ މިންގަނޑާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ބްރޯޑްކޮމްއަށް ލާޒިމް ކަމެއްކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ