ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރަށް ތުހުމަތުތަކެއް ކުރުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކޮށްފައިވާ ސަސްޕެންޝަން އުވާލައި، އެ ދެ ފަނޑިޔާރުންގެ މަގަމު އިއާދަ ކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފި އެވެ.
އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނުގައި ބުނީ، ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރި ދެ ފަނޑިޔާރުން އަދި ސަސްޕެންޝަނަށް ފަހު އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދުގެ މަގާމު ވަގުތުން ވަގުތަށް އިއާދަކުރަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން، ސަސްޕެންޝަންތައް އުވާލައި ފަނޑިޔާރުންގެ މައްޗަށް ކުރަމުންދާ އަސްލެއް ނެތް ތަހުގީގުތައް ހުއްޓައިނުލަނީސް ރާއްޖޭގައި ހައްގުތައް ގާއިމުނުކުރެވޭނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް ގެ އޭޝިއާ ޑިރެކްޓަރު އެލައިން ޕިއާސަން ވިދާޅުވެފައިވެ އެވެ.
"ޖޭއެސްސީން ބަލަން ފެށި މައްސަލަތަކާއެކު، ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް އެބަހުރި. މި އަމަލުތަކުގެ ސަބަބުން އެމަނިކުފާނު އެވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ކަމަށް ބެލެވެމުގެ ޖާގަ އެބައޮތް،" ޕިއާސަން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ވޮޗް އިން ޖޭއެސްސީ ސިފަކޮށްފައިވަނީ ސިޔާސީ ނުފޫޒުގެ ދަށުން މަސައްކަތް ކުރުމުގެ ތާރީހެއް އޮތް ކޮމިޝަނެއްގެ ގޮތުގަ އެވެ. އެގޮތުން 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އޯޑަރަށް ތިން ފަނޑިޔާރުން ހައްޔަރުކުރުން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ. އަދި، ޖޭއެސްސީ ރިފޯމު ކުރުމުގެ ވައުދާއެކު ސަރުކާރުތަކުން ވެރިކަމަށް އައި ނަމަވެސް އެކަން ކުރެވިފައި ނުވާ ކަަމަށް ބުނެފައިވެ އެވެ.
"މި ކަންކަން ހައްލުކޮށް ރާއްޖޭގައި އިންސާނީ ހައްގުތައް ގާއިމުކުރުމަށް ރައީސް މުއިއްޒު ވަގުތުން ފިޔަވަޅު އަޅުއްވަން ޖެހޭ. ޖުޑީޝަރީއަށް ފޯރުވަމުންދާ ނުފޫޒު ހުއްޓާލުމަށް ރާއްޖެއަށް އެހީވެދޭ، އަދި މިކަމާ ކަންބޮޑުވާ ގައުމުތަކުން ވެސް ރައީސް މުއިއްޒުއަށް ގޮވާލަން ޖެހޭ،" ޕިއާސަން ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ އެ ބޭފުޅުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ. އެ ތަހުގީގުގެ ތަފުސީލެއް އެއްވެސް އިދާރާއަކުން ނުދެ އެވެ.
އޭސީސީގެ މައްސަލާގެ އިތުރުން، މަގާމުގައި ތިއްބެވި އަޒްމިރަލްދާ އަދި މަހާޒުގެ މައްޗަށް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ވެސް ހިންގާފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ ދެ ފަނޑިޔާރުން ވަކިކުރަން ތަހުގީގީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެ ކޮމިޓީން މިގޮތަށް ނިންމީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުތައް ނިންމުމަށްފަހު އެވެ. އެކަން އެޕްރީލް 17، ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޝަނުގެ މެންބަރުންނާ އަންގާ ތަހުގީގީ ރިޕޯޓުތައް ހިއްސާކޮށްފަ އެވެ. އެއަށް ޖަވާބުދާރީވުމަށް ލިބޭ ހަތް ދުވަހުގެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ.
މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުރީ އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.
އޭގެއިތުރުން، ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން ވާހަކަދެއްކެވިއިރު ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި އެވެ.
މި މައްސަލާގައި މީގެ ކުރިން އދ. އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
ސަރުކާރުގެ ނުފޫޒާއެކު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ މަގާމު އިއާދަކުރުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި ސަރުކާރުގެ ނުފޫޒާއެކު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ މަގާމު އިއާދަކުރުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ