އައްޑޫގައި ދުވަހެއް ދުވަހަކަށް އެކްސިޑެންޓުތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާއިރު ރޭވެސް ކޮންޓްރޯލުން ނައްޓާލައިގެން ދިޔަ ކާރެއް އެކްސިޑެންޓު ވެއްޖެއެވެ.
މި އެކްސިޑެންޓުގެ މައުލޫމާތު "ދަ ޕްރެސް" އަށް ދެއްވަމުން ފުލުހުން ބުނީ ރޭ 3:50 ހާއިރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ވެމްކޯ އިމާރާތް ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފުރުޅާލައިގެން ގޮސް އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ކާރު ދުއްވި މީހަކީ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓުގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިނުވާކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރެއިން އެންމެ ގިނަ އެކްސިޑެންޓް މައްސަލަ ރިޕޯޓްކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ. އައްޑޫއިން 81 މައްސަލައެއް ވަނީ މިއަހަ ރުތެރޭ ރިޕޯޓްކޮށްފައެވެ.
ވޭތުވެ ދިޔަ ތިން މަހަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓްތައް ރިޕޯޓްކުރި މަހަކީ މިދިޔަ ފެބްރުއަރީ މަހެވެ. ޖެނުއަރީ މަހު ޖުމްލަ 394 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، ފެބްރުއަރީ މަހު 465 މައްސަލަ އަދި މާޗް މަހު 412 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
ޖުމްލަ 1271 އެކްސިޑެންޓް މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު، މި އަހަރު ތެރޭ އެކްސިޑެންޓް މައްސަލައިގައި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އައްޑޫގައި ހިންގި އެކްސިޑެންޓެއްގައި މަރުވި މީހަކާއި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި މީހެކެވެ. މި ދެ އެކްސިޑެންޓް ވެސް ހިނގާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އައްޑޫގައި ރޭވެސް ކޮންޓްރޯލުން ނައްޓާލައިގެން ދިޔަ ކާރެއް އެކްސިޑެންޓު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ