ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) އިއްޔެ އިސްތިއުފާ ދީފި އެވެ.
ސޯޝަލް މީޑިއާގައި ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި ވެސް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ހުވޭ އޭނާގެ އިންސްޓަގްރަމްގައި ލިޔުނު ގޮތުގައި އޭނާ އިސްތިއުފާ ދިނީ ޔުމްނު ވެއްޓު ހާދިސާގައި ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ޒުވާނުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ.
މިރޭގެ މުޒާހަރާގައި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ޒުވާނުން ވަނީ ގޮވާލާފަ އެވެ. ކޮންމެ ފަދަ މަގާމެއްގައި ހުރި ނަމަވެސް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ހުވޭގެ އިންސްޓަގްރަމްގައި އޭނާ ލިޔުނެވެ.
އެ ކޮމެޓީގައި ޖުމްލަ 15 މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް އައްޔަނު ކުރެއްވި ދެ މެންބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި, ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި އަދި ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސުންގެ ތެރެއިން ތިން މެންބަރުންނެވެ.
މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯ އާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާ، ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާއެރުވުން ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.
އޭގެއިތުރުން, ތަފާތު އެކިއެކި ދާއިރާތަކުގައި ޒުވާނުން ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމަކީ ވެސް އެ ކޮމެޓީގެ މަގުސަދެކެވެ.
"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ ނަމުގައި ބޯޑެއް އުފެއްދެވުމަށް ޑިސެމްބަރު 25، 2023 ގައި ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން ހުވޭ އިސްތިއުފާ ދީފި ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން ހުވޭ އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ