ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަށް ލަފާދޭ ޒުވާނުންގެ ބޯޑުން އިތުރު ތިން މީހަކު އިސްތިއުފާ ދީފި އެވެ.
ރައީސްއަށް ލަފާދޭ ޒުވާނުންގެ ބޯޑުން އިސްތިއުފާ ދިނީ އައިމިނަތު ރަބާބު އާއި ނިމާލް ހަމީދުގެ އިތުރުން ފާތިމަތު ރާއިއާ ޝަރީފް އެވެ.
އެ ތިން މީހުންގެ އިތުރުން ޒުވާނުންގެ އެޑްވައިޒަރީ ބޯޑުގައި ހިމެނޭ މަޝްހޫރު ޓީވީ ޕްރެޒެންޓަރު، ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) ވެސް ވަނީ އެ ބޯޑުން އިސްތިއުފާ ދީފަ އެވެ.
އެ ހުރިހާ އެންމެން ރައީސްއަށް ލަފާދޭ ޒުވާނުންގެ ބޯޑުން އިސްތިއުފާ ދީފައި މިވަނީ ޔުމްނު ވެއްޓު ހާދިސާގައި ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކުރަމުން ދަނިކޮށެވެ.
ރައީސްއަށް ލަފާދޭ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދިނުމަށް ޔުމްނު ވެއްޓުނު ހާދިސާގައި އަޑުއުފުލަމުންދާ ޒުވާނުން ގޮވަން ފެށީ އެ ހާދިސާގެ ތަހުގީގުގާ ގުޅޭގޮތުން ފުލުހުން ދޮގު މައުލޫމާތު އާންމު ކުރުމާއި އެ ބޯޑުގައި ހިމެނޭ ބަޔަކަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް އަމާޒުވުމުންނެވެ.
އެ ކޮމެޓީގައި ޖުމްލަ 15 މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް އައްޔަނު ކުރެއްވި ދެ މެންބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި, ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި އަދި ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސުންގެ ތެރެއިން ތިން މެންބަރުންނެވެ.
މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯ އާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާ، ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާއެރުވުން ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.
އޭގެއިތުރުން, ތަފާތު އެކިއެކި ދާއިރާތަކުގައި ޒުވާނުން ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމަކީ ވެސް އެ ކޮމެޓީގެ މަގުސަދެކެވެ.
ރައީސްއަށް ލަފާދޭ ޒުވާނުންގެ ބޯޑުން އިތުރު ތިން މީހަކު އިސްތިއުފާ ދީފި ރައީސްއަށް ލަފާދޭ ޒުވާނުންގެ ބޯޑުން އިތުރު ތިން މީހަކު އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ