‏އެމެރިކާގެ 50 މިލިއަން މީހުން އުޅެނީ ވައިނުސާފު ހިސާބުތަކުގައި ‏ ‏އެމެރިކާގެ 50 މިލިއަން މީހުން އުޅެނީ ވައިނުސާފު ހިސާބުތަކުގައި ‏

‏އެމެރިކާގެ 50 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެނީ ވައި ތަގައްޔަރު، ވައިގެ ފެންވަރު ބެލެނޭ ގޮތެއް ނެތް ‏‏ސަރަހައްދުތަކުގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. ‏
‏ޕެން ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއަކުން ހާމަވެފައިވަނީ އެމެރިކާގެ 50 މިލިއަނަށްވުރެ ގިނަ މީހުން ‏‏ދިރިއުޅެނީ ވައި ތަގައްޔަރުވުން މިންކުރާ އެއްވެސް މޮނިޓަރިން ސްޓޭޝަނެއް ނެތް ކައުންޓީތަކުގައި ކަމެވެ‏‎.‎
‏އެމެރިކާގެ 1,848 ކައުންޓީގައި (59 ޕަސެންޓު) ވައިގެ ފެންވަރު މޮނިޓަކުރާ އެއްވެސް ސްޓޭޝަނެއް ނެތްކަން ‏‏ދިރާސާއިން ދައްކައެވެ. މިއީ އެ ގައުމުގެ ބިމުގެ 40 ޕަސެންޓު ހިމެނޭ ސަރަހައްދުތަކެއް ކަމަށް ވެއެވެ. ވައިގެ ފެންވަރު މޮނިޓަ ‏‏ނުކުރެވޭނަމަ، ވައި ތަގައްޔަރު ވަމުންދާ މިންވަރު އެތަންތަނުގައި ދިރިއުޅޭ މީހުންނަކަށް ނޭނގޭނެއެވެ‏‎.‎
‏މޮނިޓަރިން ނެތުމުގެ މައްސަލަ އިތުރަށް ބޮޑުވެފައިވަނީ އެއީ ނިކަމެތި، ތަޢުލީމީ ފެންވަރު ދަށް، އަދި ކަޅު ‏‏ނަސްލުގެ މީހުންނާއި ހިސްޕެނިކް އާބާދީ ގިނަ ސަރަހައްދުތަކުގައިކަން ދިރާސާއިން ފާހަގަކުރެ އެވެ. ހާއްސަކޮށް ‏‏ދެކުނު ސަރަހައްދުގެ މިސިސިޕީ، ޖޯޖިއާ އަދި އަރކަންސާސް ފަދަ ސްޓޭޓްތަކުގެ 75 ޕަސެންޓަށްވުރެ ގިނަ ‏‏ކައުންޓީތަކުގައި މޮނިޓަރިން ސްޓޭޝަންތައް ނެތެވެ‏‎.‎
އޭގެއިތުރުން، މިހާރު ބޭނުންކުރަމުންދާ ވައިގެ ފެންވަރު ބަލާ މޮނިޓަރިން ސިސްޓަމްތަކުގެ ގިނަ ބައެއް ވަނީ ‏‏ހަލާކުވެފައެވެ. 1957 އިން ފެށިގެން 20,000 އަށްވުރެ ގިނަ ސްޓޭޝަން ބެހެއްޓިފައިވީނަމަވެސް، 2024 ގައި ‏‏4,821 ސްޓޭޝަން އެކަނި ހަރަކާތްތެރިވެއެވެ. ގިނަ ސްޓޭޝަންތައް އުމުރުން 26 އަހަރަށްވުރެ ގިނަވެފައިވާއިރު، ‏‏ޓެކްނިކަލް މައްސަލަތަކާއި ފައިސާ ނެތުމުގެ ސަބަބުން ބައެއް ސްޓޭޝަން މަސައްކަތް ނުކުރެއެވެ‏‎.‎
‏ދިރާސާގެ މުސައްނިފުން ގޮވާލަނީ ވައިގެ ފެންވަރު މޮނިޓަރިން ފުޅާކޮށް، އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބޭނެ ‏‏ނިޒާމެއް ގާއިމުކުރުމަށެވެ. އެހެން ނޫންނަމަ، މިލިއަނުން މީހުން ދުވާލަކު ނޭވާލާ ވައި ފެންވަރު ނޭނގި، ނުވަތަ ‏‏އިތުބާރު ނުކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމަމުންދާނެ އެވެ‏‎.‎
‏ވައިގެ ފެންވަރު މޮނިޓަރު ކުރުމަކީ އާންމު ޞިއްޙަތަށް ނުހަނު މުހިންމު ކަމެކެވެ. ވައިގައި އެކުލެވޭ ތަގައްޔަރުވުމުގެ ‏‏މިންވަރު ދެނެގަތުމަކީ އަދި މި ބާވަތުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަކީ އިންސާނުންގެ ސިއްހަތާ ސީދާ ‏‏ގުޅުންހުރި ކަމެކެވެ. ވައިގައި އެކުލެވޭ ތަގައްޔަރުވާ މާއްދާތަކުގެ ސަބަބުން ކެންސަރު، ހިތުގެ ބަލިތައް، ނޭވާލުމުގެ ‏‏ނިޒާމުގެ ބަލިތައް އަދި އިމިއުން ސިސްޓަމްގެ ބައްޔަށް މީހުން ހުށަހެޅޭ މިންވަރު އިތުރުވެއެވެ. ‏
‏2023 ވަނަ އަހަރު ރޯވި ކެނެޑާގެ އަލިފާނުގެ ސަބަބުން އެމެރިކާގެ ބޮޑެތި ސިޓީތަކުގެ ވައި ނުރައްކާތެރި މިންވަރަށް ‏‏ތަގައްޔަރުވެފައިވުމާއެކު، ވައިގެ ފެންވަރު މޮނިޓަރު ކުރުމުގެ މުހިންމު ކަމަށް އިތުރު ސަމާލުކަމެއް ލިބިފައި ވެއެވެ. ‏‏ނަމަވެސް ޕެން ސްޓޭޓް ޔުނިވާސިޓީގެ ދިރާސާއިން ދައްކާ ގޮތުގައި މިފަދަ މޮނިޓަރިން ސިސްޓަމްތައް ނެތް ‏‏ސަރަހައްދުތަކުގައި ގިނަ އާބާދީއެއް ދިރިއުޅެމުންދެ އެވެ. ‏
‏މި މައްސަލައަކީ އިޖުތިމާޢީ އިންސާފުގެ މައްސަލައެއްވެސް މެއެވެ. ސަބަބަކީ މި ސަރަހައްދުތަކަކީ އާންމުކޮށް މަދު ‏‏އާމްދަނީ ލިބޭ، ނަސްލީ މައިނޯރިޓީތައް ގިނަ، އަދި އިޤުތިޞާދީގޮތުން އެހާ ކުރިއަރާފައިނުވާ ‏‏ސަރަހައްދުތަކަކަށްވާތީއެވެ. 2021 ވަނަ އަހަރު ނެރެވުނު "އެގްޒެކެޓިވް އޯޑަރ 14008" ގައި ތިމާވެށީގެ ‏‏ހަމަހަމަކަމަށް އިސްކަންދިނުމަށް ގޮވާލާފައިވީނަމަވެސް، ވައިގެ ފެންވަރު މޮނިޓަރިންގ ނިޒާމުތައް ފުޅާކުރުމަށް އިތުރު ‏‏މަސައްކަތްތަކެއް ކުރަން ޖެހިފައިވެއެވެ‏‎.‎
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ