އެސްއީޒެޑު ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ މި ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު އެ ކުންފުންޏަށް ކަމަށެވެ. "ޕްރޮޖެކްޓް އޭލާ"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ދީފައިވަނީ ނ. އަތޮޅު ދިގުފަރު ފަޅުުގައި އޮންނަ ދެ ރަށް ކަމަށްވާ ދެކެނަންފަރާއި ކުރަމާދޫއެވެ. މި މަޝްރޫއުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަރައްގީކުރާނީ މަތީފަންތީގެ ރިއަލްއެސްޓޭޓް ޕްރޮޕަޓީތަކެވެ. ހަމައެއާއެކު ދުނިޔޭގެ މަތީފެންވަރުގެ ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާއިރު މި ޓައުންޝިޕަށް ބޭނުންކުރާ 60 ޕަސެންޓު ކަރަންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޒަމާނީ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ވަސީލަތްތައް ގާއިމްކޮށް، މުއްސަނދިން އެ ތަނަށް އަންނާނެ ފަދަ މަތީ ފަންތީގެ ހައުސިންއާއި، ތައުލީމީ އަދި ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ފުރަތަމަ ހުއްދައާއެކު 180 ދުވަހުގެ ތެރޭ، ފީސިބިލިޓީ އެސެސްމަންޓާއި، އިންފްރާސްޓްރަކްޗާ މާސްޓާޕްލޭނާއި، އިންޖިނިއަރިން އަދި ތިމާވެށީގެ ދިރާސާ އަދި ތަފްސީލީ ވިޔަފާރި ޕްލޭނެއް ވެސް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން ރިއަލްއެސްޓޭޓާއި، ސިއްހީ ޚިދުމަތާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާނެ ގޮތާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރާނެ ގޮތުގެ ޕްލޭން ވެސް ހުށަހަޅަން ޖެހެއެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާނެ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރަން ކުރާނެ ކަންކަމުގެ ޕްލޭން ވެސް އިކޮނޮމިކް މިނިސްޓްރީއަށް ދޭންޖެހެއެވެ. އެއާއެކު އިކޮނޮމިކް މިނިސްޓްރީން ބުނީ މި ހުއްދައަކީ އެސްއީޒެޑު ގާނޫނުގެ ދަށުން މަޝްރޫއު ހިންގަން ބޭނުންވާ ދިރާސާތައް ކުރަން ދިން ހުއްދައެއް ކަމަށާއި، އަދި ކުރިއަށް ހުރި މަޝްވަރާތަކާއެކު ކުރިއަށް ދާން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ