ސްޓެލްކޯއިން އިނގިރޭސިވިލާތުގައި ކިޔެވުމަށް 3 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އިނގިރޭސިވިލާތުގައި ކިޔެވުމަށް 3 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކީ ސްޓެލްކޯ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލެވޭ ބެޗްލަރސް ޑިގްރީ ފެންވަރުގެ ފުރުސަތުތަކެކެވެ.
މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ފުރުސަތާއި، މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން 2 ފުރުސަތެވެ. މި ފުރުސަތުތަކަށް ކުރިމަތިލެވޭނީ 24 އަހަރުން ދަށުގެ، ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ އޭސްޓަރ އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތްތަކަށެވެ.
އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީގެ އިތުރުން ސްޓައިޕަންޑް، ވިސާ ފީ، ދެކޮޅު ޓިކެޓް، ފޮތްތަކަށް ދޭ އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް ލިބޭނެއެވެ. އަދި ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓަރންޝިޕް ފުރިހަމަކުރުމަށްފަހު، ކޯސް ނިންމުމަށްފަހު ސްޓެލްކޯއަށް ޚިދުމަތްކުރަން ޖެހޭނެއެވެ.
މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު ސްޓެލްކޯގެ ވެބްސައިޓް www.stelco.com.mv އިން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 3338236 އަދި 3338480 ނަންބަރު މެދުވެރިކޮށް ގުޅައި މަޢުލޫމާތު ސާފުކުރެވޭނެއެވެ.
https://www.gazette.gov.mv/iulaan/333246
https://stelco.com.mv/wp-content/uploads/2025/03/STELCO-MERITBASED-ENGINEERING-SCHOLARSHIP-SCHEME-GUIDELINE.pdf
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ