ޕީއެންސީގެ ވަކި މެންބަރުންތަކަށް ނޫނީ މަޖިލީހުގައި މިހާރު ވާހަކަދެއްކުން މަނާ: މައުރޫފް

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ބައެއް މަޖިލީސް މެންބަރުންނަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވުން މަނާކޮށްފައިވާ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިރޭ ވިދާޅުވެއްޖެއެވެ. މިރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި މައުރޫފް ވިދާޅުވީ، އެ ޕާޓީން މުޒާހަރާއަށް ނިކުތީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ޕީއެންސީގެ ބައެެއް މެންބަރުން ވެސް އެ ޕާޓީގެ މުޒާހަރާތަކަށް ނިކުންނާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެގޮތުން މައުރޫފް ވަނީ އެ މެންބަރުން އެ ކަން ކުރާނެ ސަބަބު ވެސް ފާހަގަކުރައްވާފައެވެ. އަޅުގަނޑަށް އެކަން އެނގޭ ސަބަބަކީ ޕީއެންސީގެ މެންބަރުން މިހާރު މަޖިލީސް ތެރޭގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަމުންދާތީ ބަސް ބުނަމުންދާތީ މަނާކޮށްފި ވާހަކަދެއްކުން. ވަކި ބަޔަކަށް ނޫނީ މިހާރު މަޖިލީހުގައި ޕީއެންސީ މެންބަރުންނަށް މިހާރު ވާހަކަދެއްކުން މަނާކޮށްފި އޭގެއިތުރަށް، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގައި ވެސް ބައެއް މެންބަރުން މަޖިލީސް ތަޅުމުގައި ވާހަކަދެއްކުމަށް 'އާދޭސް' ކުރި ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. "އެހެންނަމަވެސް، ހަމަ [ޕީޖީ] ލީޑަރު ފަލާހު މި ބުނަނީ ނެތޭ ދެވޭކަށް، މަތީން އަންގާފައޭ ބައެއް މީހުންނަށޭ ފުރުސަތު ދެވޭނީ. ކޮބައިތޯ މިވާގޮތަކީ," މައުރޫފް ވިދާޅުވިއެވެ. އެ ފުރުސަތު ބައެއް މެންބަރުންނަށް ޕީއެންސީން ދެނީ، އެ މެންބަރުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުންތައް މަޖިލީހުގައި މިހާރު ފާޅުކުރަމުންދާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެގޮތުން، ގާނޫނުއަސާސީއާ އެއްގޮތަށް ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކަންކަން ނުހިނގާ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވާހަކަދައްކަވާ ކަން މައުރޫފް ފާހަގަކުރެއްވިއެވެ. ހީ ނުކުރައްވާތި ރައީސް މުއިއްޒު ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ބޮޓުންގެ މަޖިލިސް އެގޮތަށް ކޮންޓްރޯލް ކޮށްގެން ތާއަބަދު ގެންގުޅެވޭނެ ކަމަށް، ބަލިކަށި ވާނެ، ރޫޅާލާނަން، އަޅުގަނޑުމެންނާ އެކު އެ ބޭފުޅުން ނުކުންނާނެ، މި މަގުތައް ފުރާލައި ދިވެހި ފުލުހުން އަޅުގަނޑުމެން ފަހަތަށް ޖައްސާނަން އިއްޔެ ވެސް މައުރޫފްވަނީ މުޅި މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ވަނީ މިރެއަށްފަހު ރޯދަ މަހުގެ ފަހު ދިހައަކަށް މުޒާހަރާތައް މެދުކަނޑާލަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ