އީސީން އިންޒާރުދީފައި ވަނިކޮށް އެމްޑީޕީ މުޒާހަރާތައް ރޯދައިގެ ފަހު 10އަކަށް މެދުކަނޑާލައިފި

އިދިކޮޅު އެމްޑީޕީގެ މުޒާހަރާތައް ރޯދަ މަހުގެ ފަހު 10އަކަށް މެދުކަނޑާލައިފިއެވެ. މި މަހުގެ ތެރޭގައި އެ ޕާޓީން ވަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށާފައެވެ. އެ މުޒަހާރާތަކުގައި އެކި ކަންކަމާ ގުޅުވައި މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރާއިރު، ކޮންމެ ރެއަކުހެން މުޒާހަރާ ކުރާ ސަރަހައްދު ފުލުހުން ބަލަހައްޓައެވެ. އެގޮތުން، ބައެއް ރޭރޭ ފުލުހުންނާ ކުރިމަތިލުންތައް ހިނގައި، މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާވެފައި ވެސް އެބަހުއްޓެވެ. އެޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަންކަމުގެ ތެރޭގައި ހިމެނެނީ ގިނަ ޕާޓީ އެކުލެވޭ، ދެ ފުށް ފެންނަ ނިޒާމެއް ރާއްޖޭގައި ގާއިމްވުމުގެ ކުރިން، ސަރުކާރުތަކުގެ ކިބައިން ފެނިގެންދިޔަ އަނިޔާވެރިކަން މިއަދުގެ ސަރުކާރުގެ ކިބައިން ފެންނަމުންދާކަމުގެ ކަންބޮޑުވުމާއި ކުރީ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ޝަރުތު ފަރާތްތަކަށް ފްލެޓު ދިނުން ލަސްވުމެވެ. އެއާއެކު، ކޮންމެ ރެއަކު ވެސް މުޒާހަރާގެ ބައިވެރިން ތަރުކާރުކޮށް އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެމްޑީޕީން މުޒާހަރާތައް މެދުކަނޑާލީ އެ މުޒާހަރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އަންގާފައި ވަނިކޮށެވެ. އެ މުޒާހަރާތަކާ ގުޅުވައި މުޒާހަރާގައި ބައިވެރިވި ބަޔަކު ވަނީ ފުލުހަށް ވެސް ހާޒިރުކޮށް، ސުވާލުކޮށްފައެެވެ. އޭގެތެރޭގައި ހިމެނެނީ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އަހުމަދު ސަލީމް (މާޒު ސަލީމް) އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މުޙައްމަދު ޝާމިލް ފާތިމަތު ޝިއުނާ ހަދީޖާ މުޙައްމަދު (ހައްޖަ) އާއިޝަތު ނަޖުދާ އަލީ ރީސާ އަހްމަދު އެއާއެކު، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައި ދެއްކި ވާހަކަތަކާ ގުޅިގެން މާޒް ސަލީމްގެ އިތުރުން އެ ޕާޓިގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. މަންދީގެ މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް, އޭނާގެ މައްޗަށް ދައުވާ ކުރަން އިއްޔެ ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ