ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް 13 މިލިއަން ރުފިޔާ ދޭން އިލެކްޝަނުން ނިންމައިފި ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް 13 މިލިއަން ރުފިޔާ ދޭން އިލެކްޝަނުން ނިންމައިފި

ވެރިކަން ކުރާ ޕީއެންސީއަށް ވަގު ފޯމު ފުރައިގެން ވެއްދި އެތައް ހާސް މީހުން ވެސް ހިމަނައިގެން އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން މިއަދު އިއުލާނު ކޮށްފި އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ އާމްދަނީން ސިޔާސީ ޕާޓީތަކަށް ދޫކުރާ 0.01 ޕަސެންޓަށް ޖެހެނީ ޖުމުލަ 27،981،256 ރުފިޔާ އެވެ. އިލެކްޝަންސްއިން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31، އާ ހަމައަށް ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.
އެ އަދަދަށް ބަލާއިރު، އެންމެ ގިނަ ފައިސާ ލިބެނީ ޑިސެމްބަރުގެ ނިޔަލަށް 68،968 މެންބަރުން ތިބި ޕީއެންސީއަށެވެ. ކޮންމެ މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ ލިބެ އެވެ. އެ ޕާޓީއަށް ފައިސާ އީސީން ފައިސާ ދޫކުރާނީ ނުދައްކާ އޮތް 10،000ރ. ގެ ދަރަނި އުނި ކުރުމަށްފަހު އެވެ.
ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި އެމްޑީޕީއަށް ލިބެނީ 8.4 މިލިއަން ރުފިޔާ އެވެ. ޑިސެމްބަރުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ. ތިންވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ 13،826 މެންބަރުން ތިބި ޖުމްހޫރީ ޕާޓީއަށެވެ.
ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އީސީން ނިންމައި އެކަން އިއުލާނު ކުރިއިރު، ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މެންބަރުންތަކެއް ވެއްދި މައްސަލަ މި އަހަރުގެ ޖެނުއަރީ މަހު އީސީން ތަހުގީގު ވެސް ކުރަން ފެށި އެވެ. އަދި އެއަށްފަހު ޑިސެމްބަރު 31، ގެ ނިޔަލަށް ޕާޓީތަކުގެ ދަފުތަރުގައި ތިބި މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވައިލި އެވެ.
އެއަށްފަހު ޖެނުއަރީ 14، ގައި އީސީން ބުނީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
ނަމަވެސް މިއަދު އީސީން އާންމުކުރި އަދަދުތަކާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" އިން މިދިޔަ ޖެނުއަރީ މަހު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހޯދި މައުލޫމާތުގައިވާ އަދަދުތަކާ އެއްވެސް ތަފާތެއް ނެތެވެ. މި ނޫހުން ހުށަހެޅި އާރުޓީއައިއަށް އީސީން އޭރު ޖަވާބު ދިނީ އެއްވެސް ފޯމެއް އުނިއިތުރު ނުކޮށެވެ.
ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އީސީން ނިންމާފައިވާއިރު، ވަގު ފޯމު ފުރައިގެން ޕާޓީއަށް މީހުން ވެއްދި ކަމަށް ޕީއެންސީން ވެސް ވަނީ އިއުތިރާފުވެފަ އެވެ. އަދި ގާނޫނާ ހިލާފަށް ޕީއެންސީގެ މެންބަރު ފޯމުތައް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ފުރި ކަމަށް ހޯމް މިނިސްޓަރު ވެސް ވަނީ މަޖިލީހުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.
ޕީއެންސީއަށް ވަގަށް މެންބަރުން ވެއްދި މައްސަލަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ފުލުހަށް ވެސް ހުށަހެޅި އެވެ. އަދި އެ މުއައްސަަސާއިން އެ މައްސަލަ ތަހުގީގު ވެސް ކުރަން ފެށި އެވެ. ނަމަވެސް އެ ތަހުގީގު ތަފުސީލެއް ފަހުން ފުުލުހުން އާންމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ