މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ގޮސްފިއެވެ. ޙައްޖުވެރިން މިނާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ރާއްޖެއިން މިއަހަރު 1000 މީހުން ޙައްޖަށް ގޮސްފައިވާއިރު ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅު ކަން ފާހަގަކޮށްލަން ޖެހެއެވެ. ދިވެހި ޙައްޖާޖީން މިނާއަށް ދަތުރުކޮށްފައިވަނީ 21 ބަހުގައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ މިއަހަރުގެ މިނާގެ އިންތިޒާމުތަކަކީ ވެސް މީގެކުރިން އަހަރުތަކުގައި ދިވެހި ޙާޖީންނަށް ހަމަޖެހިފައިނުވާ ފެންވަރުގެ އިންތިޒާމުތަކެކެވެ. އެގޮތުން މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީން ތިބޭނީ، ދިވެހީންނަށް ޚާއްޞަ ކުރެވިފައިވާ ފޭލިގެތަކުގައެވެ. އެ ފޭލިގެތަކުގައި އެހެން އެއްވެސް ޤައުމެއްގެ ޙާޖީންނެއް ނުތިބޭނެއެވެ. މީގެކުރިން ދިވެހި ޙާޖީންނަށް ދެމުންދިޔައީ ސީ ކެޓަގަރީގެ ޚިދުމަތް ނަމަވެސް މިއަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ދެނީ ބީ ކެޓަގަރީގައެވެ.
މިއަހަރު ދިވެހި ޙާޖީންގެ ކެއުމުގެ ފެންވަރުވެސް އެހެންއަހަރުތަކާ އަޅާބަލާއިރު ރަނގަޅުކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެކުރިީގެ އަހަރުތަކުގައި ޙާޖީންނަށް ޕާރުސަލުތަކުގައި ކެއުން ބެހިނަމަވެސް، މިއަހަރު ޙާޖީންނަށް ކެއުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ބުފޭގައެވެ. އަދިހަމައެހެންމެ، ކޮންމެ ވަގުތެއްގައިވެސް ޙާޖީން ބޭނުންވެއްޖެނަމަ ކެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ދިވެހި ޙައްޖާޖީން ބޭނުންކުރާނީ ދިވެހީންނަށް ޚާއްޞަ ފާޚާނާތަށް ކަން ފާހަގަކޮށްލަންޖެހެއެވެ.
މިނާގައި ޙައްޖާޖީން މިއަދު މަޑުކުރުމަށްފަހު، މިރޭ ދަތުރުފެށުމަށް ހަމަޖެހިފައިވަނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަލުން އަނބުރާ މިނާއަށް ދާނެއެވެ. އެހެންކަމުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުގައިވެސް ޙާޖީން މަޑުކުރާނީ މިނާގައެވެ.
ދިވެހި ޙައްޖާޖީން މިނާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ