ފްރާންސް ބަލިކޮށް ސްޕެއިނުން ތަށި ދިފާއުކުރަން ފައިނަލަށް ފްރާންސް ބަލިކޮށް ސްޕެއިނުން ތަށި ދިފާއުކުރަން ފައިނަލަށް

ސްޓުޓްގާޓް (ޖޫން 6) - ފްރާންސް 5-4 އިން ބަލިކޮށް، ސްޕެއިނުން ތަށި ދިފާއުކުރަން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ސްޕެއިނުން އެންމެ ފަހުން މުބާރާތުގެ ޗެމްޕިއަންކަން، މީގެ އެއް އަހަރު ކުރިން ހޯދި ފައިނަލުގައި ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. ސްޕެއިނާއި ޕޯޗުގަލް އަދި ފްރާންސް ވަނީ މީގެ ކުރިން މި ތަށި ހޯދައިފަ އެވެ.
އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޕޯޗުގަލް އާއި ސްޕެއިނުން ކުރެން ކޮންމެ ޓީމަކުން ކާމިޔާބުކުރި ނަމަވެސް، ދެ ތަށި ހޯދޭނެ އެވެ. އެކަމަކު، ސްޕެއިނަށް އޮތީ މި މުބާރާތް ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފް ހޯދުމެވެ.
ފްރާންސް އިން މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަަވެސް، ސްޕެއިނުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެ އެވެ. އެ ގޮތުން، މެޗުގެ 22 ވަނަ މިނިޓްގައި، ނިކޯ ވިލިއަމްސްގެ ގޯލުން ސްޕެއިނުން ލީޑުނެގިއިރު، ތިން މިނިޓް ފަހުން، މިކޭލް މެރީނޯ ވަނީ ސްޕެއިނަށް ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފްރާންސް އިން ކުރިއަށް ޖެހިގެން ކުޅެ، ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ. އެކަމަކު، މި ހާފުގައި ވެސް ފުރަތަމަ ގޯލު ޖެހީ ސްޕެއިނުންނެވެ. މެޗުގެ 54 ވަަނަ މިނިޓްގައި، ފްރާންސްގެ އޭޑްރިއަން ރަބިއޯ އޭރިއާތެރެއިން 17 އަހަރުގެ ލަމީން ޔަމާލް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން އޭނާ ވަނީ ސްޕެއިނުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ މިނިޓެއް ފަހުން، ޕެޑްރީ ވަނީ ނިކޯ ދިން ބޯޅައެއް ގޯލަށް ވައްދާލައި، ސްޕެއިނަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ.
އޭގެ ހަަތަރު މިނިޓް ފަހުން، ފްރާންސްގެ ކީލިއަން އެމްބާޕޭ ވަނީ ޕެނަލްޓީއެއް ހޯދައި، އެ ކާމިޔާބުކޮށް ފްރާންސްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.
މެޗުގެ، 67 ވަނަ މިނިޓްގައި، ޔަމާލް ވަނީ ސްޕެއިނަށް ފަސް ވަނަ ގޯލެއް ޖަހައިދީފަ އެވެ.
ބަދަލުތަކެއް ގެނެސްގެން، ފްރާންސް އިން ކުޅުން ރަނގަޅުކޮށް، އިތުރު ތިން ގޯލު ޖެހި އެވެ. މެޗުގެ، 79 ވަނަ މިނިޓްގައި ރަޔާން ޗާކީ އޭރިއާބޭރުން ކަނަށް ބޯޅަ ފޮނުވާލިއިރު، އޭގެ ހަ މިނިޓްފަހުން، ފްރާންސްގެ އެޓޭކެއް ހުއްޓުވަން ސްޕެއިނުގެ ޑިފެންޑަރު، ޑެނީ ވިވިއަން މަސައްކަތް ކުރަނިކޮށް އޭނާ އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ. އަދި، އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓް ތެރޭ، ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައި، އެއް ގޯލަށް ފަރަގު ކުޑަކުރި އެވެ. އިތުރު ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ފްރާންސް އިން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ