މާއުނގޫދޫ ޔޫތް ލިންކޭޖާ ގުޅިގެން އެރަށުގައި އުރީދޫ އިން ބޮޑު އީދު ސައި ދީފި

ށ. މާއުނގޫދޫގެ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތް ލިންކޭޖާ ގުޅިގެން އެރަށުގައި އުރީދޫ އިން ބޮޑު އީދު ސައި ދީފިއެވެ.
މިއަދު އީދު ނަމާދަށް ފަހު އެރަށުގައި ބޭއްވުނު މި އީދު ސައިގައި ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އުރީދޫ އިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ މި އަޟްހާ އީދު އުރީދޫ އާއެކު ފޯރިގަދަކޮށް އެކި ކަންކޮޅުތަކުގައި ފާހަގަކުރުމަށް ކަމަށެވެ.
އެގޮތުން އީދަށް ހާއްސަކޮށްގެން އުރީދޫ އިން ވަނީ ތަފާތު ޕެކޭޖުތަކެއްވެސް ހެޔޮ އަގެއްގައި ފޯރުކޮށްދީފައެވެ. އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޓެހިންނާއި އާއިލާއާއި ހާއްސަކޮށް މި އީދުގައި ގުޅުން ބަދަހިކޮށްލުމަށް އުރީދޫގެ ޕެކޭޖުތައް އެހީއަކަށް ވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން އީދު ސައި ބޭއްވި ށ. މާއުނގޫދޫ އަކީ އަބަދުވެސް އީދު ފޯރި ގަދަ ރަށެކެވެ. އެގޮތުން އެރަށުގައި މިއަދު އީދު ނަމާދަށް ފަހު ރައްޔިތުން ވަނީ އުޟްހިޔާވެސް ކަތިލާފައެވެ. އަދި މިއަދު ހަވީރު 16:30 އިން 17:30 އަށް ހޭރިޔާ ސަގާފީ ކުޅިވަރުތައް ބާއްވާފައިވާއިރު، މިރޭ މިޔުޒިކް ޝޯއާއެކު ހަވާއެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ކުޅިވަރުތައް އޮންނާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
މާއުނގޫދޫގެ އިތުރުންވެސް އުރީދޫ އިން ވަނީ އެކި ރަށްރަށުގައި އީދާައި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ތ. ކިނބިދޫގެ އިތުރުން ހދ. ކުޅުދޫފުށީގައިވެސް އުރީދޫ އިން ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އުރީދޫގެ ފަރާތުން ކުޅުދޫފުށީގެ ރައްޔިތުންނަށް ވަނީ އުރީދޫ އީދު ގިފްޓް ޕެކްތަކެއް ބަހާފައެވެ.
އަޟްހާ އީދު ނުވަތަ ބޮޑު އީދަކީ ދިވެހިން ޒަމާނުންސުރެ ކުލަ ގަދަ ކޮށް ފާހަގަކުރަމުން އަންނަ އީދެކެވެ. މި ފަހަރުގެ އީދަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކޮށްފައިވާއިރު، ގިނަ ރަށްރަށުގައި ރޭގައި ވަނީ އީދު ކުޅިވަރުތައް ފަށާފައެވެ.
ބޮޑު އީދުގެ ކުޅިވަރުތައް ބަލާލުމަށް ދިވެހިންގެ އިތުރުން ބޭރު ގައުމުތަކުގެ މީހުންވެސް މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އެގޮތުން ރާއްޖޭގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާންވެސް ވަނީ ރާއްޖެ އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ