"އަމާޒަކީ 2027 އަންނަވާއިރަށް ފަތުރުވެރިކަމުގެ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުން"

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަޕްލޭންގައި އޮތް ގޮތަށް، 2027 އަންނަންވާއިރަށް ފަތުރުވެރިކަމުން ހަ ބިލިއަން ޑޮލަރު ހޯދަން ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓްރީން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓަރު, ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރު އާންމުކުރި 2027ގެ ނިޔަލަށް އަމަލުކުރާ މި މާސްޓާޕްލޭންގައި އެ އަމާޒު ހިމެނޭކަމަށެވެ. ނަމަވެސް އޭގައި ހުރި ބައެއް ކަންކަން ނުކުރެވިވާ ކަމަށާއި އެއީ ކީއްވެތޯ ބެލުމަށް އެ ޕްލޭން ރިވިއު ކުރަމުން އަންނަ ކަމަށެވެ. ރާއްޖެ އައި ފްލައިޓަކުން ޓޫރިސްޓުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ޕްލޭނުގައި އޮތް އެންމެ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވީ، 2027 އަންނަވާއިރަށް ފަތުރުވެރިކަމުން ހަ ބިލިއަން ޑޮލަރު ހޯދުމެވެ. އެގޮތުން، އެ އަމާޒަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު 2.3 ބިލިއަން ޑޮލަރު ފަތުރުވެރިކަމުން އާމްދަނީ ލިބުނު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މަސައްކަތްކޮށްފި ނަމަ ހަ ބިލިއަން ޑޮލަރު 2027ގެ ނިޔަލަށް ހޯދޭނެ ކަމަށެވެ. އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް --- ފޮޓޯ: މިނިސްޓްރީ އެއާއެކު، އެ އަމާޒަށް ވާސިލުވުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރު ތެރޭ ހުޅުވުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ދެން ޓުއަރިޒަމް ވެސް ފުޅާކުރެވެން އަންނަ އެއްކަމަކީ ރާއްޖޭގެ މައި ދޮރާށި ނުވަތަ އެއާޕޯޓަށް އަންނަ ފަތުރުވެރިން އިތުރުކޮށްގެން އަދި އެއާޕޯޓަށް ޖައްސާ މަތިންދާބޯޓު އިތުރުކުރުމަށް ވީއައިއޭގެ އައު ޓާމިނަލް ހުޅުވަން މަސައްކަތް ކުރާކަން ތޯރިގް ފާހަގަކުރެއްވިއިރު، އަންނަ ޖުލައި 26ގައި އައު ޓާމިނަލް ހުޅުވާނެ ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވަނީ ބުނެފައެވެ. https://sun.mv/206577 ރާއްޖޭގެ އިތުރު އަތޮޅުތަކުގައި ހުރި އެއާޕޯޓުތައް މިހާރަށް ވުރެ ހަރުދަނާކުރެވި، އައު އެއާޕޯޓުތައް ހުޅުވައި ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތްތައް ކުރެވުމުން 2027ގެ ނިޔަލަށް ހަ ބިލިއަން ޑޮލަރު ހޯދި، ރާއްޖޭގެ އިގުތިޞާދު ވެސް ކުރިއަރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން އަންނަނީ މުހިންމު މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ