ވަށަފަރުގައި “އުނބަށްޖެހި" ހާދިސާ ރަމްޒުކޮށްދޭ މޮނިއުމަންޓެއް، ވަރަށް ރީތި

ހއ. ވަށަފަރުގައި ހަދާފައިވާ ރީތި މޮނިއުމަންޓް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.
ދިވެހީންގެ ތެރޭގައި ވަށަފަރު މަޝްހޫރު ވެފައިވަނީ "އުނބަށް ޖެހި" ރަށުގެ ގޮތުގަ އެވެ. އެ ރަށުގެ މީހުންނަށް ނިސްބަތް ކޮށް "އުނބަށް ޖެހި" ރަށު މީހުންނޭ ކިޔާ އުޅެ އެވެ.
މިއަދު އެ ރަށުގައި އިފްތިތާހު ކުރި މޮނިއުމަންޓުން ދައްކައިދެނީ އެ ހާދިސާ އެެވެ. މިއީ މި ފަހުން ރަށެއްގައި ހަދާ ހުޅުވި އެންމެ ރީތި އެއް މޮނިއުމަންޓެވެ.
މޮނިއުމަންޓުން ފެނިގެން ދަނީ އުނބެއްގެ މަތީގައިވާ ރީތި ދޯންޏެކެވެ. އުނބުން ފެން ފައިބަ ފައިބާ ހުރެ އެވެ. އަދި ދޯނި ވަށައިގެން އޮޔާދާ އުނބުތަކެއް ފެނެ އެވެ. މިއީ އެ ރަށަށު މީހުންނަށް "އުނބަށް ޖެހި" މީހުންނޭ ކިޔުނު ހާދިސާ ވަރަށް ފުރިހަމައަށް ރަމްޒު ކޮށްދޭ ރީތި މޮނިއުމަންޓެކެވެ.
ވަށަފަރު މޮނިއުމަންޓްގެ ކުރެހުމެއް 
މި ނަން އެ ރަށަށް ނިސްބަތް ކުރެވުނީ އެ ރަށުގެ ބަޔަކު ކުރި ކަމަކާއި ގުޅުވައިގެން ކަމަށް ބުނެވެ އެވެ. އޭރުގެ އާދަކާދަ އޮންނަ ގޮތުން އަލަށް ދޯންޏެއް ބަލާނަމަ ދޯނި ވަށައިގެން ކުރުނބާ އެލުވަ އެވެ. ވަށަފަރަކީ ރުއް މަދު ކުރުނބާ ލިބުން މަދު ރަށެކެވެ.
ރަށުގެ އޭރުގެ ކަތީބު, އޭނާގެ އާ ދޯނި ބޭލުމަށް ފަހު ދޯނީގެ ވަށައިގެން ކުރުނބާ އެލުވަން ކުރުނބާ އިހާތަކެއް ހޯދަން ކައިރި އޮތް ފިއްލަދޫއަށް ދަތުރެއް ކުރި އެވެ. އެ ރަށުން ކުރުނބާ އިހާތައް ދޯނީގެ ވަށައިގެން އެލުވާ ދަތުރު ފެށި އެވެ. ދަތުރުގެ ވަކި ހިސާބަކުން އިހާތަކުން ކުރުނބާ ވަކިކޮށް ފަހަރަކު މީހަކު ބޮމުން ގެންދިޔަ އެވެ. އަދި ފެންފޮދު ބޮއިލާ އުނބުގަނޑު ކަނޑަށް އެއްލާލަ އެވެ.
ވަށަފަރު މޮނިއުމަންޓްގެ ކުރެހުމެއް 
އެންމެ ފަހު އުނބުގަނޑު އެއްލާލުމުގެ ކުރީން އޭގައިވާ ކިހާތައް އެ މީހާ ރަހަ ބަލައިލި އެވެ. އެ މީހުންނަށް އެވީ މާ މީރު އެއްޗަކަށެވެ. އެހެން ކަމުން ދޯނި ވަގުތުން ފަހަތަށް ދުއްވަން ފެށި އެވެ. އަދި އުކާލި އުނބުތައް ހޯވާ ކިހާ ކާން ފެށި އެވެ. މި ހާދިސާއަށް ފަހު ވަަށަފަރު މީހުންނަށް "އުނބަށް ޖެހި" މީހުންނޭ ކިޔާ ނަަން ހަރުކުރި އެވެ.
މިއަދު އެއީ ވަށަފަރު މީހުންގެ ރަމްޒެވެ. އެ މީހުންގެ ފަހުރެވެ. މިއަދު އިފްތިތާހު ކުރި މޮނިއުމަންޓުން ރަމްޒު ކޮށްދެނީ އެ ނަމަށް ރަށުގެ ރައްޔިތުން ފަހުރުވެރިވާ ކަމެވެ.
މިއަދު އޮތް ކުޑަ ރަސްމިއްޔާތެއްގައި އެ މޮނިއުމަންޓް އިފްތިތާހު ކޮށްދެއްވީ ހެލްތް މިނިސްޓަރު ނާޒިމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ