ޖޯޑަން އާއި އުޒްބެކިސްތާން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ޖޯޑަން އާއި އުޒްބެކިސްތާން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް

މަސްކަޓް، އޮމާން (ޖޫން 6) - އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން، ޖޯޑަން އާއި އުޒްބެކިސްތާން ޖާގަ ހޯދައިފި އެވެ.
މިއީ، މި ދެ ގައުމުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި ދެ ޓީމާ އެކު، ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ގައުމުތަކުގެ އަދަދު ވަނީ 82 އަށް އަރައިފަ އެވެ.
އޭޝިއާގެ ކޮލިފައިން ތިން ވަނަ ބުރުގެ ގްރޫޕް އޭ އިން ފުރަތަމަ ޖާގަ ހޯދީ އިރާނެވެ. ދެ ވަނަ ޓީމަށް ލިބޭ ޖާގަ އުޒްބެކިސްތާނުން ހޯދީ ރޭ އަބޫ ދާބީގައި ކުޅުނު މެޗުން 0-0 އިން ޔޫއޭއީއާ އެއްވަރުކޮށްގެންނެވެ. އިރާނަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނަ ޔަގީންކުރި އުޒްބެކިސްތާނަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.
ގްރޫޕް ބީން އެއް ވަަނަ ޓީމުގެ ގޮތުގައި، ދެކުނު ކޮރެއާ ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދަތުރުކޮށްފަ އެވެ. އެއީ، ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ޖޯޑަން އިން ދެ ވަނީ ޔަގީންކުރީ ރޭ ކުޅުނު މެޗުން އޮމާން ދަނޑުގައި އެ ޓީމު އަތުން 3-0 އިން މޮޅުވެގެންނެވެ. ޖޯޑަން އަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
އޭޝިއާ އިން ދެން، އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރީ ގްރޫޕް ސީގެ އެއް ވަނައިގައި އޮތް ޖަޕާނެވެ. އެ ޓީމަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ދެން މި ގްރޫޕުން ބާކީ އޮތް ޖާގަ އަށް ވާދަކުރަނީ، ސައުދީ އަރަބިއްޔާ އާއި އޮސްޓްރޭލިއާ އެވެ. މި ދެ ޓީމު ފަހު މެޗުގައި، ރިޔާދުގައި ބައްދަލުކުރާއިރު، ސައުދީ އަށް ފުރުސަތެއް އޮތީ ރަނގަޅު ނަތީޖާ އަކުން މޮޅުވެގެންނެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ތިން ގައުމު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ފިޔަވައި، ދެން ކޮލިފައިވީ ގައުމުތަކަކީ، އޭޝިއާގެ ފަސް ގައުމު ކަމަށްވާ، ދެކުނު ކޮރެއާ، އިރާން، ޖަޕާން، ޖޯޑަން، އުޒްބެކިސްތާން، އާޖެންޓީނާ އަދި ނިއު ޒީލެންޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ