ޔުއެފާ ނޭޝަންސް ލީގު ސެމީފައިނަލުގެ ދެވަނަ މެޗުގައި 4-5 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ސްޕެއިން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ނެދަލޭންޑްސް ޕެނަލްޓީގައި ބަލިކުރުމަށްފަހު އެވެ. އަދި ފްރާންސް ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.
ސްޓުޓްގާޓްގެ އެމްއެޗްޕީ އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ސްޕެއިނުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، ފުރާންސް އިން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ދެލަނޑު ކާމިޔާބުކުރިއިރު،ނިކޯ ވިލިއަމްސް، ޕެޑްރީ، މިކެއިލް މެރީނޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ރަންޑަލް ކޮލޯ މުއާނީ އަދި ރަޔާން ޗިރްކީ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ ސްޕެއިންގެ ޑިފެންޑަރު ޑެނީ ވިވިއަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.
މިނަތީޖާއެކު މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45 ކުޅޭ މުބާރާތުގެ ފައިނަލުގައި ސްޕެއިން ނުކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޖަރުމަނު ބަލިކޮށް ފައިނަލުން ޖާގަ ހޯދީ ޕޯޗުގަލް އާއި ދެކޮޅަށެވެ. އަދި އެދުވަހު ހަވީރު ރާއްޖެ ގަޑިން 18:00 ކުޅޭ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ފުރާންސް ނުކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.
ލަމީން ޔަމާލްގެ ދެލަނޑާއެކު ފްރާންސް ކަޓުވާލުމަށްފަހު ސްޕެއިން ފައިނަލުން ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ