ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓަކަށް ރައީސް މައުމޫންގެ ބޭފުޅަކު ނެންގެވުމަށް ރައީސް ޔާމީން ބޭންފުޅުވެގެން އެވާހަކަ މައުމޫން އަރިހުގައި ވިދާޅުވި ކަމަށް މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ބައިބައިވެފައިވާ ޕީީޕީއެމްގެ ކައުންސިލަށް ރައީސް މައުމޫން އައްޔަންކުރައްވާފައިވާ އުމަރު ނަސީރު ވީޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރާއި މެދު ރައީސް މައުމޫން ހިތްޕުޅުހަމަޖެހިވަޑައިނުގެން އުޅުއްވަނީ މައުމޫންގެ ބޭފުޅަކު ނާއިބު ރައީސް ކަމަށް އައްޔަންކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވުމުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. ރައީސް މައުމޫން އެކަން ކުރައްވަން ބޭނުންވިނަމަ އެކަމުގެ މަގު މާކުރިންވެސް އޮތީ ތަނަވަސްވެފައި ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރެއްވުމަށް ނިންމަވާ އެމަނިކުފާނުގެ ރަނިންމޭޓަކަށް ރައީސް މައުމޫންގެ ބޭފުޅަކު ހަމަޖެއްސުމަށް ރައީސް ޔާމީން އެދިވަޑައިގެން އެވާހަކަފުޅު މައުމޫނާއި ހިއްސާކުރައްވާ މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް ރައީސް މައުމޫން އޭރު އެކަމަށް ދެކޮޅު ހައްދަވާފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"ރައީސް މައުމޫން ފުރަތަމަވެސް މިކަމާއި އޮތީ ދެކޮޅު ހައްދަވާފައި. އެހެންވީމަ ދެން ކީއްކުރައްވަންތޯ މިއަދު ނައިބް ރައީސްކަމަށް އެމަނިކުފާނުގެ ބޭފުޅަކު ހަމަޖެއްސުމަށް ބޭނުންފުޅުވާނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމު ދެފަހަރު ހުސްވެފައިވާއިރު، އެއިން އެއްވެސް ފަހަރަކު ރައީސް މައުމޫން އެމަނިކުފާނުގެ ބޭފުޅަކު އެމަގާމަށް ގެނައުމަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. އެކަން ރައީސް މައުމޫންގެ އަރިހުންނާއި، ރައީސް ޔާމީނުގެ އަރިހުންވެސް އޭނާ ސާފުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫން މިއަދު ތެދުވެ ހުންނެވީ އެމަނިކުފާނު ގަބޫލްކުރައްވާ އުސޫލުތަކުގެ މަތީގައި ކަމަށާ ގައުމުގެ ކަންކަން އެ އުސޫލުން ބޭރުވުމުން ރައީސް މައުމޫނަށް ތެދުވެވަޑައިގަންނަވަން މަޖުބޫރުވީ ކަމަށެވެ.
"ނޫނެކޭ އިނގޭތޯ. ރައީސް މައުމޫންގެ ހުރިހާ ބޭފުޅުން ތިއްބެވީ މަގާމުތަކުގައި ނޫންތޯ. ދުންޔާ މިނިސްޓަރު ކަމުގައި. ޔުމްނާ ނާއިބް ކަމުގައި. ފާރިސް މަޖިލީހުގައި. ޣައްސާން ރައީސް އޮފީހުގައި. ދެން؟ ހަގީގީ ވާހަކަތަކެއް ނޫން އިނގޭތޯ ރައީސް މައުމޫނާއި ގުޅޭގޮތުން ދެކެވެމުންދަނީ؛" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުސޫލުތަކުގެ މަތީގައި ރައީސް މައުމޫން ސާބިތުވެ ހުރުމުން މިއަދު އެމަނިކުފާނަށް ފާޑު ވިދާޅުވާ ބޭފުޅުން ލަދުވެތިވާންޖެހޭ ކަމަށެވެ. އެފަދަ ހުރިހާ ބޭފުޅުން އިންތިހާބުވީ މައުމޫންގެ ފޮޓޯ ދައްކައިގެން ކުރެވުނު ކެމްޕޭނެއްގެ ތެރެއިން ކަމަށާ ރައީސް ޔާމީނަށްވެސް މިއަދު ހުންނެވި ހިސާބަށް ވަޑައިގެންނެވުނީ ރައީސް މައުމޫންގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއޭއަށް 3000 މެންބަރުން ހަމަނުކުރެވުނު ބޭފުޅެއް ކަމަށާ އެހެންކަމުން ވެރިކަމަށް އެކަނި އާދެވޭނެ ގޮތެއް ނެތްކަން ގަބޫލުކުރައްވަންޖެހޭ ކަމަށެވެ.
"ކިހިނެއްތޯ ޕީއޭ އުފައްދައިގެންވީ. 3000 މެންބަރުންވެސް ހަމަނުވި ދެއްތޯ. އެތަށް ގޮތަކުން މެންބަރުން ހޯދައިގެން ގާނޫނީ އަދަދުވެސް ހަމަކުރަންޖެހުނީ. ދެން ކިހިނެއްތޯ އެހެން ބޭފުޅެއްގެ އެހީއެއްނެތި ވެރިކަމަށް ވަޑައިގެންނެވޭނީ. ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މައުމޫން އަރިހުގައި ހުންނެވީމަ،" ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވި އެވެ.
ރަނިން މޭޓަކަށް މައުމޫންގެ ބޭފުޅަކު ހަމަޖެއްސެވުމަށް ރައީސް ޔާމީން ބޭނުންފުޅުވި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ