ފަނޑިޔާރުންގެ ގާބިލްކަން އިތުރުކުރުމަށް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާ މިއަދު އާންމުކޮށްފި އެވެ.
ކޮމިޝަނުން އެކުލަވާލާފައިވާ މި އުސޫލަކީ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރާންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ އުސޫލެއް ކަމަށް ޖޭއެސްސީން ބުނެ އެވެ.
މި އުސޫލުގެ މަގުސަދަކީ ފަނޑިޔާރުންގެ ޝަރުއީ އަދި ގާނޫނީ ހުނަރާއި، ގާބިލްކަމާއި، ތަޖުރިބާ އިތުރުކުރުމާއި ކުރިއެރުވުމާއި، ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އަންނަންޖެހޭ ބަދަލުތަކާއި ކުރިއެރުންތަކާ އެއް ހަމައެއްގައި ޝަރުއީ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމާއި، ޢަދުލު އިންސާފުގެ ފެންވަރު ހަރުދަނާކޮށް އަދި ހަލުވިކުރުމަށްޓަކައި އެއިރަކަށް ގެންނަންޖެހޭ ބަދަލުތަކެއްކަމުގައި ބަލައި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނޭ ނިޒާމެއް އެކަށައެޅުމާއި، ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އިތުބާރު ބޮޑުކުރުމަށް އެކުލަވާލެވުނު އުސޫލެއް ކަމަަށް ވެސް ޖޭއެސްސީން ބުނެ އެވެ.
މި އުސޫލު ބުނާ ގޮތުން ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރެވޭނީ ފަނޑިޔާރުންގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޖޭއެސްސީއަށް އެކަން ކުރަން ހުށަހެޅުމުންނެވެ. ނަމަވެސް އެގޮތަށް ފަނޑިޔާރަކު ބަދަލުކުރުމުގައި ސުޕްރީމް ކޯޓުގެ ވިސްނުން ހުރި ގޮތް ބެލުމަށް އެކަން އިސްވެ ކޯޓަށް ހުށަހެޅުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާ ކަމަށް އުސޫލުގައި ބުނެ އެވެ.
ފަނޑިޔާރަކު އެއް ކޯޓަކުން އަނެއް ކޯޓަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ލަފާ ދީފިނަމަ ހަތް ދުވަހުގެ ތެރޭގައި އެލަފަޔާއި އެއްގޮތަށް ޖޭއެސްސީން އަމަލުކުރަންޖެހެ އެވެ. މިއުސޫލުގައިވާ ގޮތުން ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރާއިރު ބަދަލު ކުރެވޭނީ އޭނާ މަސައްކަތް ކުރާ ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށެވެ. މިއުސޫލުގެ ދަށުން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ކޯޓްތަކަށް ބަދަލުކޮށެއް ނުހެދޭނެ އެެވެ.
ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަށް "ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި ލަފާ ދޭ ކޮމެޓީ"ގެ ނަމުގައި ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާން ޖެހެ އެވެ.
މިކޮމިޓީގައި ތިބެނީ ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި، ހައި ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި، ދަށު ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި، ޖޭއެސްސީގައި އިންނަވާ ސީއެސްސީގެ ރައީސްއާއި، ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރާއި ބަންޑާރަނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލެވެ.
ފަނޑިޔާރުން ބަދަލުކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ