މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް" ގެ ނަމުގައި ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދެމުންދާ ޕޮޑްކާސްޓުގައި، މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން މާލެއަށް އެތެރެކުރާ އުޅަނދުފަހަރު މަދުކުރުމުގެ ޕްލޭނެއް އޮތްތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަމުން އެކަނި މާލޭގެ ތޮއްޖެހުން ހައްލުކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެ މައްސަލައިގެ އެންމެ އަޑިއަށް ދާންޖެހޭކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މާލެ ތޮއްޖެހެމުންދަނީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ތަރައްގީ ބަހައްޓަން ކޮށްފައި އޮތްގޮތުން ކަމަށެވެ. އެހެންވެ، އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަންތަން ތަރައްގީވުމުން، މާލޭގައި އުޅޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަކީ ދެތިން އަހަރުން ނަތީޖާ ފެންނާނެ ކަންކަމެއް ނޫނެވެ. އެކަމަކު އެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި މައްސަލައަކީ ރޫޓް ކޯސްއަށް ދާންވެފައި އޮތް ކަމެއް. ރޫޓްކޯސްއޭ މި ދަންނަވަނީ މާލޭއަށް މީހުން ތޮއްޖެހެން ޖެހޭ ސަބަބު، ރާއްޖޭގެ ތަރައްގީ މިދިޔަ ދުވަސްތަކުގައި ބައްޓަންވެފައި އޮތްގޮތުގެ ސަބަބުން މި މައްސަލަ މި އަންނަނީ. އެހެންވެ ސަރަހައްދީ ތަރައްގީގެ މަޝްރޫއުތައް ފެށީ. އަޅުގަނޑުމެންނަށް ދެ ތިން އަހަރު ތެރޭގައި ހައްލު ނުވާނެ ކަމެއްވީމަ ނަތީޖާއެއް ނުފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުވެގެން ދާއިރު މާލޭގެ ތޮއްޖެހުން ވެސް ހައްލުވެ، ވެހިކަލްތަކުގެ އަދަދު ވެސް ހައްލުވެގެންދާނެ އެވެ.
"މިތަނުގައި މީހުން އިތުރުނުވާ ކަމަށް ވަންޏާ ވެހިކަލްތަކެއް ވެސް އިތުރެއް ނުވާނެ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސް ވިދާޅުވީ މާލޭގައި އުޅޭ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން މަގުތައް ހެދުމާއި ޕާކިން މައްސަލަ ހައްލު ކުރަން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ދަށުން މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ވެސް އެ މަސައްކަތް މަޑުޖެހިފައި އޮތީ ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުމަށް ކަމަށެވެ. އެކަމަކު އިތުރަށް މަޝްރޫއު ފަސްކުރުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން. ދެން މިކަމަށް ދުވަސްތަކެއް ނަގައިފި. އަޅުގަނޑުމެން ފުރަތަމަ މި ބެލީ ބޭރުގެ އެހީގައި ކުރެވޭ ކަހަލަ ގޮތެއް. އެހެން ނަމަވެސް އެކަން އެގޮތުގައި ކުރިއަށް ގެންދަން މަޑުކުރާކަށް މިހާރަކު އަޅުގަނޑުމެން ގަސްދެއް ނުކުރަން،" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން މާލޭގައި ޕާކިން ދެ ބިލްޑިން އަޅާނަން. ހުޅުމާލޭގައި މިހާރު ދެތިން ހަތަރު ބިލްޑިންއެއްގެ މަސައްކަތް މިހާރު ފަށައިފި. މި މަޝްރޫއުތަކުގެ ތެރެއިން ޕާކިންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަންނާނެ." ރައީސް ވިދާޅުވި އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ހުޅުމާލޭގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ބެޗް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ފަށައިފަ އެވެ.
The most trusted news source in the Maldives
ބެޗް ކޮންސްޓްރަކްޝަން ކުންފުނިން 13 ބުރީގެ އިމާރާތް އަޅަން ނިންމާފައިވަނީ ހުޅުމާލޭގެ ފޭސް 1 ގަ އެވެ. އަދި އެ ތަނުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ކަނޑައަޅާފައިވެ އެވެ. އަދި އެއީ މިހާތަނަށް އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތަކުގެ ތެރެއިން އެންމެ ބޮޑު ތަނެވެ.
ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ޕާކިން ބިލްޑިން އަޅާނީ ކުރިއަރާފައިވާ ގައުމުތަކުގައި އެފަދަ ބިލްޑިންތައް ގެންގުޅޭ ކޯޑުތަކަށެވެ. އެގޮތުން، އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯއަށް އިސްކަންދީ، ކޮމާޝަލް ސްޕޭސް ހިމެނޭނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
މިއަހަރު މާލޭގައި ދެ ޕާކިން ބިލްޑިން އަޅަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ