ވޯލްޑްކަޕް ވޯލްޑްކަޕް ވޯލްޑް ކަޕްގެ ފައިނަލަށް ނުދިޔަޔަސް، އިނގިރޭސި އެފްއޭގެ ފުރިހަމަ ތާއީދު ޓުޗެލްއަށް

ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބަލިވެ އިންގްލެންޑް މުބާރާތުން ކެޓި ނަމަވެސް، ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ) ގެ ފުރިހަމަ ތާއީދާއެކު ޔޫރޯ 2028 ގެ ނިޔަލަށް އިންގްލެންޑްގެ ހެޑް ކޯޗުގެ މަގާމުގައި ތޯމަސް ޓުޗެލް ދެމިހުންނާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.
އެމެރިކާގެ އެޓްލާންޓާގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އާޖެންޓީނާ އަތުން 2-1 އިން ބަލިވުމާ ގުޅިގެން، ބޮޑު މުބާރާތެއްގެ ތަށި ހޯދުމަށް އިނގިރޭސިން ކުރަމުންދާ 60 އަހަރުވީ އިންތިޒާރު ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ. މި މެޗުގެ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖަހައިދިން ގޯލުން އިންގްލެންޑުން ކުރި ހޯދާފައި ވަނިކޮށް، މެޗުގެ 85 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލައުޓާރޯ މާޓީނޭޒް ބޮލުން ފޮނުވާލި ހަމަލާއަކުން ގޯލެއް ޖަހައި، އާޖެންޓީނާއަށް ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
ވޯލްޑް ކަޕް ފެށުމުގެ ކުރިން ޓުޗެލް ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އޭނާގެ އެއްބަސްވުން އާކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި، ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމަށް އިންގްލެންޑުން ކަނޑައެޅި އަމާޒަށް ވާސިލުނުވެވުނު ނަމަވެސް، އެފްއޭއިން ބޭނުންވަނީ އޭނާ މަގާމުގައި ދެމިހުރުމަށެވެ.
”މިހާ ގާތަށް ގޮސްފައި ނާކާމިޔާބުވުމަކީ ހިތްދަތި ކަމެއް،“ އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންގްހަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. ”ކުޅުންތެރިންނާއި ތޯމަސް މިއަދު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި. މުޅި މުބާރާތުގައި ސްކޮޑާއި، ކޯޗުން އަދި މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން. އަދި އެމެރިކާގައާއި ގައުމުގައި ތިބެގެން އަޅުގަނޑުމެންނަށް ސަޕޯޓްކުރި ސަޕޯޓަރުންނަށް ވެސް ހިތުގެ އަޑިން ޝުކުރު ދަންނަވަން.“
މިއާމީގައި މާދަމާ ކުޅޭ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑް ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. ޓުޗެލް ބުނީ އިންގްލެންޑް، ވޭލްސް، ސްކޮޓްލެންޑް އަދި ރިޕަބްލިކް އޮފް އަޔަލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިއަށް އޮތް ޔޫރޯ މުބާރާތުގައި ވެސް އޭނާ ޓީމަށް އިރުޝާދުދޭނެ ކަމަށެވެ.
”އެންމެ ފުރަތަމަ ކަމަކަށް، ވޯލްޑް ކަޕް އަދި ނުނިމޭ. އަދި ކުޅެންޖެހޭ މެޗެއް އެބައޮތް. އެ މެޗަށް އަހަރެމެން އެހާ ބޮޑަށް އިންތިޒާރު ނުކުރި ނަމަވެސް، އެއީ ކުޅެންޖެހޭ މެޗެއް،“ ޓުޗެލް ބުންޏެވެ. ”އޭގެ ފަހުން އަހަރެމެން ކުރިއަށްދާނީ. ގައުމުގައި ބާއްވާ ޔޫރޯ މުބާރާތާ ހަމައަށް އަހަރެންގެ އެއްބަސްވުން އެބައޮތް. މިވަގުތު އެހާ ދުރަށް ވިސްނުން އުނދަގޫވި ނަމަވެސް، އަހަރެން މިހުރީ އެ މުބާރާތަށް ކެތްމަދުވެފައި.“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ