ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމުގެ ކުޅުންތެރިންނަށް ފީފާއިން މިފަހަރު އަނގޮޓި ވެސް ދެނީ

ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް، މުބާރާތުގެ 96 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް އަނގޮޓި ދޭން ފީފާއިން ނިންމައިފި އެވެ.
ޗެމްޕިއަންޝިޕް ރިންގް ނުވަތަ އަނގޮޓި ދިނުމަކީ، އެމެރިކާގެ ކުޅިވަރު ސަގާފަތުގައި އަމަލު ކުރަމުން އަންނަ އުސޫލެކެވެ. މިފަހަރު ވޯލްޑް ކަޕް ބޭއްވި ތިން ގައުމުގެ ތެރެއިން އެންމެ ގިނަ ބާރާއި އެންމެ ގިނަ މެޗުތައް ފީފާއިން ދީފައި އޮތީ އެމެރިކާ އަށެވެ.
އެ ގައުމުގެ އެންމެ މަޝްހޫރު ކުޅިވަރު ލީގުތައް ކަމަށްވާ ބޭސްބޯލްގެ އެމްއެލްބީ އާއި ސުޕާބޯލްގެ އެންއެފްއެލް އާއި ބާސްކެޓްބޯޅައިގެ އެންބީއޭ އަދި ހޮކީގެ އެންއެޗްއެލް ފަދަ މުބާރާތްތަކުގައި، ޗެމްޕިއަންޝިޕް އަނގޮޓި ދިނުމަކީ ޒަމާނުއްސުރެ އޮންނަ އަގުބޮޑު ސަގާފަތެކެވެ.
ސްޕެއިނާއި އާޖެންޓީނާ ކުޅޭ ފައިނަލު މެޗު ކާމިޔާބު ކުރާ ޓީމަކަށް ވޯލްޑް ކަޕް ތައްޓާއި މެޑަލްގެ އިތުރުން މޮޅުވާ ޓީމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ 30 އަނގޮޓި ހަވާލުކުރާނެ އެވެ.
 
އާދިއްތަ ދުވަހުގެ ރޭ ގެ ފައިނަލް މެޗަށްފަހު މޮޅުވާ ޓީމުގެ ކެޕްޓަނާއި ހެޑް ކޯޗަށް ވަގުތީ ގޮތުން ރަމްޒީ އަނގޮޓިއެއް ހަވާލުކުރާނެ އެވެ. އަދި ރަސްމީ 30 އަނގޮޓި ހަވާލުކުރާނީ އެހެން ތާރީހެއްގައި ކަމަށް ފީފާއިން ބުންޏެވެ. 
ސަޕޯޓަރުންނަށް ވިއްކުމަށް 1،996 އަނގޮޓި ތައްޔާރުކުރާނެ އެވެ.
"މިއީ އަބަދުގެ އަބަދަށް ދެމިއޮންނާނެ ބޮޑު ކާމިޔާބީއަކަށް (ދޭން) އެންމެ އެކަށީގެންވާ ފުރިހަމަ ހަދިޔާ،" ފީފާއިން ބުންޏެވެ.
މިއީ އެމެރިކާގެ ކުޅިވަރު ސަގާފަތް ވޯލްޑް ކަޕަށް ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ.
ފީފާގެ އާންމު އުސޫލުގައި ވެސް މެޗެއްގައި ފުރަތަމަ ހާފާއި ދެވަނަ ހާދާ ދެމެދު ދެނީ 15 މިނެޓްގެ ބްރޭކެކެވެ. އެކަމަކު އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގެ ހާފް ޓައިމްގައި 11 މިނެޓުގެ ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެޖައްސާފައި ވާތީ އެ  މެޗުގެ ހާފްގެ ބްރޭކް 20 މިނެޓަށް ހެދުމަށް  ފީފާއިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ