ފަލަސްޠީނު މީހުން ތިބޭ ޖަލުތައް ވަށައިގެން ކިނބޫ ފެންގަނޑެއް

ޔަހޫދީން ރަހީނުކޮށްފައިވާ 10،000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން ބަންދުކޮށްފައިވާ ޖަލުތަކުގެ ވަށައިގެން، ކިނބޫ އަޅާފައިވާ ފެންގަނޑުތަކެއް ހެދުމަށް ޔަހޫދީ ދައުލަތުގެ ހަރުކަށި ދިފާޢީ ވަޒީރު މިނިސްޓަރު އިތަމާ ބެން ގަވީރު ހުށަހަޅާފައިވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ޔަހޫދީ ދައުލަތުން ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔަހޫދީންގެ ޗެނަލް 7އިން ހާމަކުރި ގޮތުގައި، ޔަހޫދީންގެ ތިމާވެއްޓާބެހޭ ވަޒީރު ވަނީ ކިނބުލަކީ ބަލަހައްޓައި، ގެންގުޅެވޭ ވަލު ޖަނަވާރެއްގެ ގޮތުގައި އަލުން ގިންތިކުރުމުގެ ޤަރާރެއްގައި ސޮއިކޮށްފައެވެ. މި ޤާނޫނީ ބަދަލާ އެކު، ޔަހޫދީންގެ ޖަލުތައް ބަލަހައްޓާ އިދާރާ ހިމެނޭހެން ޔަހޫދީ ދައުލަތުގެ އެކި އިދާރާތަކަށް، ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ ދަށުން ޖަލުތަކުގައި ކިނބޫ ގެންގުޅުމުގެ ޙުއްދަ ލިބިގެންދާނެއެވެ.
މި ނިންމުމަކީ މި މަޝްރޫޢުއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ޤާނޫނީ ހުރަސް ނައްތާލުމަށް ނިންމި ނިންމުމެކެވެ. މީގެ ކުރިން ޔަހޫދީ ދައުލަތުގެ ޤާނޫނުތައް ބައްޓަންކޮށްފައި އޮތް ގޮތުން ކިނބޫ ގެންގުޅެވޭނީ ހަމައެކަނި ލައިސަންސް ލިބިފައިވާ ޒޫތަކުގައި، ޙިމާޔަތްކުރެވިފައިވާ ޖަނަވާރެއްގެ ގޮތުގައެވެ.
ޔަހޫދީންގެ ޗެނަލް 13އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޤާނޫނީ ބަދަލު ކުއްލި ގޮތަކަށް ގެންނަން ޖެހުނީ "ކިނބޫ ޖަލު" ބިނާކުރުމުގެ މަޝްރޫޢުއާ މެދު ޔަހޫދީ ދައުލަތުގެ ވަލު ޖަނަވަރާބެހޭ އިދާރާއިން ގަވީރުގެ ޕްލޭނަށް މީގެ ކުރިން އިއުތިރާޒުކޮށްފައިވާތީއެވެ.
މީގެ ހަ މަސް ދުވަސް ކުރިން ގަވީރު ވަނީ ފަލަސްޠީނުގެ އަސީރުން ޖަލުން ފިލުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި، ކިނބޫތަކުން ފުރިފައިވާ ފެންގަނޑުތަކުން ވަށާލެވިފައިވާ، ސަލާމަތީ ގޮތުން އިންތިހާއަށް ވަރުގަދަ ޖަލެއް ބިނާކުރުމަށް ގޮވާލައިފައެވެ.
ޔަހޫދީ ދައުލަތުގެ ޖަލުތައް ބަލަހައްޓާ އިދާރާއިން މިހާރު ވަނީ މި މަޝްރޫޢު ޢަމަލީ ގޮތުން ކުރިއަށް ގެންދެވިދާނެ ގޮތްތަކުގެ ދިރާސާއެއް ފަށައިފައެވެ. މި މަސައްކަތުގެ ދަށުން، ކިނބޫ ބެލެހެއްޓުމާއި އޭގެ ސަލާމަތީ ކަންކަން ހުންނަންޖެހޭ ގޮތް ދެނެގަތުމަށް ޖަލުތަކުގެ އިސްވެރިން މިހާރު ދަނީ އެކި ޒޫތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރަމުންނެވެ.
ޔަހޫދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ކިނބޫތަކުން ފުރިފައިވާ ފެންގަނޑުތަކެއް ޖަލު ވަށައިގެން ހެދުމުން ޖަލުގެ ރައްކާތެރިކަން އިތުރުވުމުގެ އިތުރުން، އެ ޖަލުތައް ބަލަހައްޓަން ބައިތިއްބަންޖެހޭ ސިފައިންނާއި ފާރަވެރިންގެ ޢަދަދު މަދުކުރެވި، ޚަރަދުތައް އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ.
އެ ނޫސްތަކުގައިވާ ގޮތުން ޅަ ކިނބުލެއް ގާތްގަނޑަކަށް 8,000 އެމެރިކާ ޑޮލަރަށް ލިބޭއިރު، ބޮޑެތި ކިނބޫ ގާތްގަނޑަކަށް 20,000 އެމެރިކާ ޑޮލަރަށް ލިބެއެވެ.
ފަލަސްޠީނާއި ބައިނަލްއަޤުވާމީ އިންސާނީ ޙައްގުތަކާ ބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގާތްގަނޑަކަށް 10،000އެއްހާ ފަލަސްޠީނުގެ ރައްޔިތުން މިހާރުވެސް ޔަހޫދީން ޖަލުތަކުގައި ބަންދުކޮށްފައިވަނީ އިންސާނިއްޔަތާ ޚިލާފު، އަނިޔާވެރި ޙާލަތްތަކެއްގައެވެ.
މީގެ ތެރޭގައި ކާންނުދީ ބަނޑަށް ބޭތިއްބުމާއި، އަނިޔާކުރުމުގެ އިތުރުން، ބޭސްފަރުވާ ފަދަ އަސާސީ ޚިދުމަތްތަކުން މަޙުރޫމްކުރުން ފަދަ ލާއިންސާނީ ޢަމަލުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ