އިއްޔެ ހަވީރު 6:00ގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމުގައި މަސީހު ވިދާޅުވި: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު އިއްޔެ ހަވީރު 6:00ގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވާނެ ކަމުގައި ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 2 ވަނަ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ރިޔާސަތަށް ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށައަޅާފައިވާތީ، މަޖިލީހުގެ މިދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވީ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެވޯޓު ނެގުމުގެ ޖަލްސާ ނޮވެމްބަރު 8 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ.
މަޖިލީހުގެ ޖަލްސާތައް ނައިބުރައީސް ކުރިޔަށް ގެންދާގޮތަށް ފާޑު ވިދާޅުވަމުން ފަލާހު ވަނީ ނައިބުރައީސްގެ މޫސާ މަނިކުގެ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށް ވިދާޅުވެފައެވެ.
ފަލާހަށް ޖަވާބު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މިހާރުވެސް ބާއްވަމުން ދަނީ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ނިންމަވާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ޖަލްސާތައް ބާއްވާނެ ދުވަހާއި ވަގުތާއި އެޖެންޑާ ކަނޑައަޅުއްވަނީވެސް މަސީހު ކަމުގައި މޫސާ މަނިކު ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، މިއަދުގެ ޖަލްސާވެސް ބޭއްވުމަށް ފުރަތަމަ ދަންނަވައި އަދި ފަހުން ކެންސަލް ކުރެއްވުމަށްފަހު އަނެއްކާވެސް ޖަލްސާ ބޭއްވުމަށް ދެންނެވި ކަމަށެވެ. އަދި އިއްޔެގެ ހަވީރު 6:00ގެ ކުރިން މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާނޭކަމުގައި ވިދާޅުވެ މަސީހު އިތުރުފުޅުވެސް ހައްދަވާފައި ވާކަމުގައި މޫސަ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރިޔާސަތަށް ޗެލެންޖުކުރައްވައި ވާހަކަފުޅު ނުދެއްކެވުމަށްވެސް ނައިބުރައީސް މޫސާ މަނިކު ވަނީ ވަރަށް ހަރުކަށި ރާގަކަށް މެމްބަރު ފަލާހަށް އަމުރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ