އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 949 މިލިއަން ރުފިޔާއަށް އަރައިފި

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓް ބިލްތަކާއި އެނޫން ވެސް ގޮތްގޮތަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 949 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
އޮޑިޓް ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 20 ޕަސެންޓްގެ އިތުރުވުމެކެވެ. ސްޓެލްކޯއަށް 2024 ވަނަ އަހަރު ކަރަންޓް ބިލްތަކައި އެނޫން ދަރަނީގެ ގޮތުގައި ސަރުކާރުގެ އިދާރާތަކުން ލިބެން ޖެހޭ އަދަދު އޮތީ 774 މިލިއަން ރުފިޔާގަ އެވެ.
ސްޓެލްކޯއަށް ލިބެންޖެހޭ އެންމެ ބޮޑު އަދަދެއް ނުލިބި އޮތީ ފިނޭންސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 333 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ދައްކަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓްގެ އިތުރުވުމެކެވެ. ފިނޭންސް މިނިސްޓްރީން 2024 ވަނަ އަހަރު ސްޓެލްކޯއަށް ދައްކަން އޮތީ 242 މިލިއަން ރުފިޔާ އެވެ.
ސްޓެލްކޯއަށް ބިލް ނުދައްކާ ސަރުކާރުގެ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 19 އަށް އަރަ އެވެ.
ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ދުވަސްވީ ކުންފުނި، ސްޓެލްކޯއަށް ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޕީއެސްއެމް އިންނެވެ. އެކުންފުނިން 163 މިލިއަން ރުފިޔާ ދައްކަން އޮތް އިރު އެއީ އޭގެ ކުރީ އަހަރަށް ވުރެ 20 ޕަސެންޓްގެ އިތުރުވުމެކެވެ.
ތިން ވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެ ސަރުކާރުގެ އިދާރާއަކީ މާލޭ ސިޓީ ކައުންސިލެވެ. ސިޓީ ކައުންސިލުން ސްޓެލްކޯއަށް 53 މިލިއަން ރުފިޔާ ދައްކަން އޮތް އިރު ހައުސިން މިނިސްޓްރީން ސްޓެލްކޯއަށް 43 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.
އެޗްޑީސީން 33 މިލިއަން ރުފިޔާ ސްޓެލްކޯއަށް ދައްކަން ޖެހޭ އިރު އެމްޑަބްލިއުއެސްސީން 24 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ