ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާ އިން ބޮސްނިއާ އެންޑް ހާޒެގޮވީނާ 2-0 އިން ބަލިކޮށް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި މައުރީސިއޯ ޕޮޗެޓީނޯގެ އެމެރިކާގެ ޓީމަށް ގޯލުތައް ޖަހައިދިނީ ފޮލެރިން ބެލޮގަން އާއި މެލިކް ޓިލްމަންއެވެ. މިއީ 2002 ވަނަ އަހަރަށް ފަހު އެމެރިކާ ވޯލްޑް ކަޕް ނޮކައުޓް ބުރުގައި ހޯދި ފުރަތަމަ މޮޅެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމު ވެސް ހަމަހަމަ ކުޅުމެއް ދައްކައި އެމެރިކާ އިން ބޯޅަ ހިފެހެއްޓިޔަސް، ބޮސްނިއާ އިން ފުރުސަތުތަކަށް މަސައްކަތްކުރަމުންދިޔައެވެ. މެޗުގެ ކުރީކޮޅު އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ބޮސްނިއާ އަށެވެ. އުމުރުން 40 އަހަރުގެ ކެޕްޓަން އެޑިން ޖެކޯ ދިން ބޯޅައަކުން އެރްމެޑިން ޑެމީރޮވިޗް ފޮނުވާލި ހަމަލާ ގޯލްކީޕަރު މެޓް ފްރީޒް މަތަކުރިއެވެ. .
މެޗުގެ 15 ވަނަ މިނެޓުގައި ބެލޮގަން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކަނާތް ފަރާތުން ޕާހެއް ލިބިގެން އެނބުރެލުމަށްފަހު ޖެހި ހަމަލާ ދިޔައީ ސީދާ ބޯޅައިގެ ބާރު ނެތި ދަނޑުން ބޭރަށެވެ. 33 ވަނަ މިނެޓުގައި ބެލޮގަން ބޯޅަ ގޯލަށް ވައްދައި ވެސް ލި އެވެ. ނަމަވެސް އޮފްސައިޑް ވެގެން ގޯލު ބާތިލު ކުރި އެވެ. އެ ހާފުގެ ފަހުކޮޅު ޑެސްޓް ދިން ބޯޅައެއް ބެލޮގަން ޖެހި ނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި މައްޗަށެވެ.
ނަމަވެސް ހާފު ނިމެން ކައިރިވެފައި ވަނިކޮށް 45 ވަނަ މިނެޓުގައި ޓިމް ރީމް މެދުތެރެއިން ބޯޅަ ހޯދައި ޓައިލާ އެޑަމްސްއަށް ދިނެވެ. އެޑަމްސް ޓިލްމަން އަށް ރީތި ފްލިކެއް ދީ ޓިލްމަން ފޮނުވި ޕާސް ބޮސްނިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ޑިފްލެކްޓް ވެގެން ގޮސް ބެލޮގަންއަށް ލިބުނެވެ. ބެލޮގަން ބޯޅަ ގޯލްކީޕަރު ދަށުން ގޯލަށް ފޮނުވައިލީ ނުހަނު ހަމަޖެހިލައިގެންނެވެ. މިއީ މި ވޯލްޑް ކަޕްގައި ބެލޮގަންގެ ތިންވަނަ ގޯލެވެ.
ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ބޮސްނިއާ ކޯޗު ސެރްގެޔް ބާރްބަރެޒް ތިން ބަދަލެއް ގެނައެވެ. އޭގެ ތެރޭގައި ކެޕްޓަން އެޑިން ޖެކޯ ބާލައި ކެޕްޓަން ބޭންޑް ސެއާދް ކޮލާޝީނާޗްއާ ހަވާލުކުރިއެވެ. ބަދަލެއްގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ ވިސްކޮންސިންގައި އުފަންވެ ބޮޑުވި އެސްމީރް ބަޔްރަކްޓަރެވިޗް ހިމެނެއެވެ. އުމުރުން 21 އަހަރުގެ ބަޔްރަކްޓަރެވިޗް އުފަންވީ ވިސްކޮންސިންގެ އެޕްލްޓަންގައި ބޮސްނިއާ ދެމަފިރިއަކަށެވެ. އޭނާގެ މައިންބަފައިން އެމެރިކާއަށް ހިޖުރަ ކުރީ 1990 ގެ އަހަރުތަކުގައި ބޮސްނިއާ ހަނގުރާމައިގެ ތެރޭގައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި މެޗުގެ އެންމެ ފާހަގަކޮށްލެވޭ ހާދިސާ ހިނގިއެވެ. ބެލޮގަން އާއި ބޮސްނިއާގެ ޑިފެންޑަރު ތާރިގް މުހާރެމޮވިޗް ބޯޅައަށް ޗެލެންޖު ކުރުމުގެ ތެރޭގައި ބެލޮގަންގެ ފައި މުހާރެމޮވިޗްގެ ފައިގެ ތަނބިކަށީގައި އެޅުނެވެ. ބްރެޒިލް ރެފްރީ ހަފައެލް ކްލައުސް ވީއޭއާރް މޮނީޓަރަށް ބެލުމަށްފަހު ބެލޮގަންއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލިއެވެ. ބެލޮގަން ހުރީ ހައިރާން ވެފައެވެ. ދަނޑުން ފޭބި އިރު ކްރިސްޓިއަން ޕުލިސިޗް އާއި ޓިމް ވީހް އޭނާއަށް ހިތްވަރުދީފައިވެއެވެ. ވޯލްޑް ކަޕް ތާރީހަށް ބަލާ އިރު ބެލޮގަން އަކީ ވޯލްޑް ކަޕެއްގައި ރަތް ކާޑު ލިބުނު ފަސްވަނަ އެމެރިކާ ކުޅުންތެރިޔާއެވެ.
ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔ ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، އެމެރިކާއިން އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލަކީ މަލިކް ޓަލިމަން ޖެހި ގޯލެކެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް 24 އަހަރަށްފަހު އެމެރިކާއިން ފުރަތަމަ ނޮކްއައުޓް މޮޅު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ