ހުޅުމާލޭ 110 ވަނަ ފްލެޓުގައި އަލިފާން ރޯވެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ

ހުޅުމާލެ 110 ވަނަ ފްލެޓުގެ އެޕާޓްމަންޓެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން ބުނީ 110 ވަނަ ފްލެޓުގެ ގްރައުންޑް ފްލޯ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:10 ހާއިރު ކަމަށެވެ.
ފަޔާ ފައިޓަރުންގެ މަސައްކަތުން 1:23 ހާއިރު އަލިފާން ވަނީ ނިއްވާލާފަ އެވެ.
ތަފްސީލު - ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ލަފާކުރާ ގޮތުގައި، އެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް'އެއްގެ ސަބަބުންނެވެ.
އެ ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުންދިޔައީ ހަތް ދިވެހިންނެވެ. އެއީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިން (އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް)، 18 އަހަރުން މަތީގެ ހަތަރު ފިރިހެނުންނާއި އަންހެނެކެވެ. އެންޑީއެމްއޭއިން ބުނީ:
އޭގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން އެކެއްގެ އަތާއި ފައިގެ %12 ވަނީ ފިހިފައި
"މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ވަނީ ހަލާކުވެފައި،" އެންޑީއެމްއޭއިން ބުނެ އެވެ.
އެންޑީއޭއެމްއޭއިން އަންނަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރުން އެ ހާދިސާއާ ގުޅިގެން އެ ފްލެޓުގެ އެއް ވަނަ އަދި ތިން ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ރޭ ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކުރުމާ ގުޅިގެން އެ ތަންތަނުގައި ދިރިއުޅޭ އަށް ދިވެހިންނަށް ވެސް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ