ޕީއެންސީގެ އެތެރޭގެ އިންތިހާބު މި މަހުގެ 11 ގައި، ކުރިމަތިލުމުގެ ފުރުސަތު ބަންދުވެއްޖެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެ ޕާޓީގެ ލީޑާޝިޕުގެ އިސް ބޭފުޅުން ބައްލަވާލައްވައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުއެވެ.
މި އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވަނީ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އިންތިޚާބުގެ އިންތިޒާމުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ލީޑާޝިޕުން ވަނީ އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން، ޕާޓީގެ އިންތިޚާބީ ކޮމިޓީގެ މެންބަރުންނާއި، އިންތިޚާބުގެ އިދާރީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ ވެސް ލީޑާޝިޕުން ވަނީ ބައްދަލުކުރައްވައި، މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާލައްވާފައެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ޕީއެންސީން ނިންމާފައިވާ ގޮތުގައި، ދާއިރާތަކުގެ ރައީސުން އިންތިޚާބު ކުރާނީ އެ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށް އެކަނި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންގެ ގޮތުގައި އޮޓޮމެޓިކުން ހަމަޖެހިގެންދާނީ އެ ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލިސް މެންބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ