ފުލުހުންގެ އިމާރާތެއް އެޅުމަށް ވުރެ މުހިންމީ ޚިދުމަތުގެ ދުވެލި އަވަސްވުން: އުމަރު
ފުލުހުންގެ އިމާރާތެއް އެޅުމަށް ވުރެ މުހިންމީ، އެ މުއައްސަސާގެ ޚިދުމަތުގެ ދުވެލި އަވަސްވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ. އުމަރު އެހެން ވިދާޅުވިއިރު، އިސްކަންދަރުކޮށީގައި ދެވަނަ އިމާރާތެއް އެޅުމަށް ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ވިދާޅުވެފައެވެ. އަދި، މާލޭގައި ފުލުހުންގެ ހެޑް ކުއާޓަރަކާއި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ އިމާރާތައް އަޅައިދެއްވާނެކަން އިއުލާނުކުރެއްވިއެވެ. މި ކަންކަމަށް އިޝާރަތްކުރައްވައި، އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ޚަރަދު ބޮޑުވުމަށް ވުރެ، ފުލުހުންގެ ޚިދުމަތްތައް އަވަހަށް ލިބޭނެ ގޮތް މަގުފަހިވެފައި އޮތުން ވަރަށް މުހިންމު ކަމަށެވެ. ފުލުހުންގެ މައި އިދާރާ: ފުލުހުންގެ އިމާރާތެއް އެޅުމަށް ވުރެ މުހިންމީ ޚިދުމަތުގެ ދުވެލި އަވަސްވުން ކަމަށް އުމަރު ވިދާޅުވި -- ފޮޓޯ/ މަޖިލިސް [ފުލުހުން] އެންމެ އިސްކަންދޭ ސިޔާސަތަކަށް ވާންޖެހެނީ، ޚިދުމަތުގެ ސްޕީޑު އަވަސްވުމާއި އޭތި އިފެކްޓިވްވުމާއި ކްރައިމް ޕަނިޝް ކުރުމާއި މި ހުރިހާ ކަންކަން. ދެން އިމާރާތުގެ ދަތިކަމާއި ހުރިހާ އެއްޗެއްސަކީ އޭގެ ފަހަތަށް އަންނާނެ އެއްޗެހި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިތުރަށް ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މިހާރު މާލޭގައި ހުރި ފުލުހުންގެ މައި މަރުކަޒު ނުވަތަ ޝަހީދު ހުސައިން އާދަމް ބިލްޑިންގަކީ މާ ކުޑަ ތަނެއް ކަމަށެވެ. މިގޮތުން، މިހާރު އެ އިމާރާތް ހުރި ތަނުން ނަގާފައި، އެމްއެންޑީއެފް މައި މަރުކަޒުގެ ތެރެއަށް އެ ތަން ލާން ޖެހޭ ކަމަށް އުމަރު ގަބޫލުކުރައްވައެވެ. ސިފައިންނާއި ފުލުހުންނަކީ، ގާނޫނުގައި އޮތް ގޮތުން ދެ މުއައްސަސާއެއް ނަމަވެސް، އެ ދެ ތަނުގައި އޮންނަންވާނީ ވަރަށް ބޮޑު ގުޅުމެއް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އެއީ، އިމާރާތާއި އިދާރީ ގޮތުން ވެސް އެކުގައި ތިބުންކަން އޭނާ ފާހަގަކުރެއްވިއެވެ. https://x.com/i/broadcasts/1NGarrObkvqJj "އަޅުގަނޑުމެން ދައުލަތް ޑިޒައިން ކުރާއިރު، އޮންނަން ވާނީ ކުޑަކޮށް. އެހެންވީމަ އަޅުގަނޑުމެން ކޮންމެހެން ނުޖެހޭ ވަކި ސިފައިންގެ މުއައްސަސާއެއް، އިމާރާތްތަކާއި ހުރިހާ ވަކި ކުރާކަށް. އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުންނާ އޮންނަން ވާނީ ގުޅިފައި،" އުމަރު ވިދާޅުވިއެވެ. މީގެއިތުރުން، އެ ދެ މުއައްސަސާއަކީ، ގުޅިފައި އޮތް ތަނެއް ކަމުގައި ހެދި ނަމަވެސް، ވަކި މައި މަރުކަޒެއް ހުންނަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ