ފުޓުބޯޅައިގައި ރެފްރީން ނިންމާ ނިންމުންތަކާ މެދު އަބަދުވެސް ހިޔާލު ތަފާތުވުން އޮވެ އެވެ. ހަމަ އެގޮތަށް، ނިންމުންތައް ނުނިންމައިގެން ވެސް ސަޕޯޓަރުންނާއި ކުޅުންތެރިން ޝަކުވާ ކުރެ އެވެ.
މިހާރު ކުޅެމުން އަންނަ ވޯލްޑް ކަޕްގައި އެފަދަ ފުރަތަމަ ދެބަސްވުމެއް އުފެދުނީ ގްރޫޕު ސްޓޭޖުގައި އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗުންނެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، އަލްޖީރިއާ ކުޅުންތެރިއެއްގެ ފަހަތުން ގޮސް ބޯޅަ އަތުލަން އުޅުމުގެ ތެރޭގައި ބޫޓުގެ އުންތައް އަމާޒުވީ އަލްޖީރިއާ ކުޅުންތެރިޔާގެ ކުޑަކަޅުވާ މަސްގަނޑަށެވެ. ނޭނގެނީ އޮޅިގެން ނުވަތަ ގަސްތުގައި ކަމެވެ. ރެފްރީ އެކަމާ އަޅާނުލައި ދޫކޮށްލީ އެވެ.
މިއަދު ފަތިހު އެމެރިކާ އާއި ބޮސްނިއާ ބައްދަލުކުރި މެޗުގައި ވެސް ފެނުނީ ހަމަ ދާދި އެއްގޮތް ކަމެކެވެ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބޮސްނިއާ ކުޅުންތެރިއެއްގެ ފަޔަށް އެމެރިކާގެ ފޮލަރިން ބަލޮގުންއަށް ބޫޓުން އެރުނީ އެވެ.
މި ދެ ހާލަތުގެ ތަފާތު މިއޮތީ އެވެ. މެސީގެ ހާލަތުގައި އޭނާ ކުރި ޓެކުލާ ގުޅިގެން ފައުލަކަށް ރެފްރީ ކަށިގަނޑު ފުމުނެވެ. ވީއޭއާރު އޮފިޝަލުން ރީޕްލޭ ބެލި އެވެ. އެކަމަކު އޮފިޝަލުން ނިންމީ ރެފްރީގެ ސަމާލުކަމަށް ގެންނަންޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ.
އެއާ ހިލާފަށް ބަލޮގުންގެ ޓެކްލާ ގުޅިގެން އެއީ ފައުލެއް ކަމަކަށް ރެފްރީ ފުރަތަމަ ނުވެސް ބަލަ އެވެ. އިރުކޮޅެއް ފަހުން ރެފްރީ ކަށިގަނޑު ފުމުނީ ދެ ކުޅުންތެރިން ވެސް އަނިޔާވެގެން ބިންމައްޗަށް ވެއްޓުމުންނެވެ.
އޭގެ އިރުކޮޅެއް ފަހުން ވީއޭއާރު އޮފިޝަލުން ރެފްރީއަށް އިޝާރާތްކޮށް، އޭނާ ގެންގޮސް ސްލޯ މޯޝަންގައި އޮޅަ އޮޅައިގެން ރީޕްލޭ ބެލުމަށްފަހު ބަލޮގުންއަށް ދެއްކީ ސީދާ ރަތް ކާޑެކެވެ.
އެއާ އެކު ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ވޯލްޑް ކަޕްގައި ފީފާގެ ރެފްރީން ނިންމާ ނިންމުންތަކާ މެދު ސުވާލު އުފައްދަމުންނެވެ.
ގިނަ މީހުން ބުނާ ގޮތުގައި ރެފްރީން ނިންމުންތައް ނިންމަން ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކީގަ އެވެ. ވަކި ކުޅުންތެރިއަކަށް ވީތީ ވަކި ހާއްސަ ގޮތްތަކެއް ކަނޑައަޅައި، އުސޫލުތަކުން ބޭރުވެ، ދޫ ދީގެން ނުވާނެ އެވެ. އެއީ މެސީ ވިޔަސް ކަން ކޮށްގެން ވާނެ ގޮތެއް ނޫނެވެ.
ރެފްރީން ހާއްސަ ގޮތްތަކެއް މެސީއާ މެދު ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް އޭނާއަށް ފާޑުކިޔާ މީހުން ކުރެ އެވެ. އަލްޖީރިއާ މެޗުގައި ކަން ހިނގި ގޮތުން އެ ވާހަކަތައް އަނެއްކާ ވެސް ތިލަވިއިރު، ބަލޮގުންއަށް ދެއްކި ކާޑާ އެކު އެ އަނެއްކާ ވެސް އެ ތުހުމަތުތަކުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
މި ވޯލްޑް ކަޕްގައި އެމެރިކާއަށް ތިން ގޯލު ޖަހައިދީފައިވާ ބަލޮގުންއަށް ދެއްކި ރަތް ކާޑާ އެކު ގަދަ 16ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާގެ ނުކުންނަ މެޗު އޭނާއަށް ގެއްލޭނެ އެވެ. ފީފާގެ ގަވާާއިދުތައް އޮންނަ ގޮތުން ޑިސިޕްލިނަރީ ކޮމިޓީއިން ނިންމައިފި ނަމަ، ނަމަ މުއްދަތު އެއަށްވުރެ ވެސް އިތުރުވެދާނެ އެވެ.
މެސީއަށް ދޫ ދީފައި ބަލޮގުންއަށް ސީދާ ރަތް ކާޑު؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ