ފްރާންސްގައި މޮޅީ އެމްބާޕޭ، މުހިންމީ އޮލީސޭ: އޮންރީ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - މިހާރު އޮތް ފްރާންސްގެ ގައުމީ ޓީމުގެ ސްކޮޑުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކީލިއަން އެމްބާޕޭ ކަމުގައި ވިޔަސް އެންމެ މުހިންމު ކުޅުންތެރިއަކީ މައިކަލް އޮލީސޭ ކަމަށް ފްރާންސްގެ ކުރީގެ ފޯވާޑް، ތިއަރީ އޮންރީ ބުނެފި އެވެ. 
އޮންރީ، މިހެން ބުނެފައިވަނީ، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް ފޮކްސް ސްޕޯޓްސް އިން ކުރިއަށްގެންދާ ކަވަރޭޖްގެ ޕަންޑިޓެއްގެ ގޮތުގައި ބައިވެރިވަމުން، ފްރާންސާ ބެހޭގޮތުން ދެއްކި ވާހަކައެއްގެ ތެރެއިންނެވެ. 
އެ ގޮތުން، އޮންރީ ބުނީ، ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މި ވަގުތަށް ބަލާއިރު އަަބަދުވެސް ވާނީ އެމްބާޕޭ ކަމަށާއި އެއީ އޭނާގެ ރެކޯޑްތަކާއި ގޯލުތަކުގެ ސަބަބުން ކަމަށެވެ. 
"އެކަމަކު، އެންމެ މުހިންމު ކުޅުންތެރިއަކީ މައިކަލް އޮލީސޭ. އޭނަ އާދަޔާހިލާފަށް މޮޅު. ވަރަށް އަވަހަށް ކަންކަން ދަނޭ. ވަރަށް އަވަހަށް ކަންކަން އެނގޭ. އެހެން އެންމެނާ ތަފާތު ވިސްނުމެއް އެ ހުންނަނީ. އެ ލެވަލްގެ ޓެކްނިކަލް ހުނަރު ހުންނަ ކުޅުންތެރިންގެ ސަބަބުން ފުޓްބޯޅަ މެޗެއްގައި އޮންނަ ޑިފެންސްގެ ވިސްނުންތަކުގެ ހިޔާލުތައް ސިކުނޑިން ފޮހެވިގެންދޭ،" އޮންރީ ބުންޏެވެ. 
އޮންރީ ވަނީ އޮލީސޭއާ އެކު ފްރާންސް ޓީމުގައި މަސައްކަތްކޮށްފަ އެވެ. އެއީ، މީގެ ދެ އަހަރު ކުރިން ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގަ އެވެ. އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ފްރާންސްގެ ކޯޗަކަށް އޮންރީ ހުރިއިރު، އޮލީސޭ ވަނީ އެ ޓީމަށް ކުޅެފަ އެެވެ. 
"އަހަންނަށް ލިބުނު ޝަރަފެއް އެއީ އޮލީސޭއާ އެކު މަސައްކަތްކޮށް ކޯޗުކޮށްދިނުން. ބައެއް ފަަހަރު ޓްރެއިނިންތައް ކުރިއަށްދިޔައިރު، އަހަރެން ޖެހުނު އަމިއްލަ ނަފްސު ހުއްޓުވަން، މާ ބޮޑަށް އޮލީސޭ އަށް ތައުރީފުކުރެވެނީ. އެއީ، ކޯޗެއްގެ ގޮތުގައި ހުރެ މާ ބޮޑަށް ތައުރީފުކުރުމަކީ ކުރަންޖެހޭ ކަމެއް ނޫން. އަދި ކުރަންވާނެ ކަމެއް ވެސް ނޫން،" އޮންރީ ބުންޏެވެ. 
"އެހެންވެ، އަހަރެން އެނބުރިފައި އަބަދުވެސް އެސިސްޓަންޓް ކޯޗު ގާތުގައި ބުަނަނީ، އޮލީސޭގެ ފެންވަރާއި ހުނަރު ފެނުނުތޯ. އަހަރެން ދެކޭ ގޮތުގައި އެއީ އެެހެން ޕްލެނެއްޓެ ލެވަލްގެ ކުޅުންތެރިއެއް،" 
ބަޔާން މިއުނިކްގައި ވެސް ވިދުންގަދަ ސީޒަނަކަށް ފަހު ވޯލްޑް ކަޕާ ކުރިމަތިލި އޮލީސޭ އަށް އަދި މި ފަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ޖެހިފައި ނުވި ނަމަވެސް އޭނާ ވަނީ ހަތަރު މެޗުގައި ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ސްޕެއިންގެ ގަދަބާރު، ރެއާލް މެޑްރިޑުން އޮލީސޭ އަށް 200 މިލިއަން ޑޮލަރަށް ވުރެން ބޮޑު ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން ސްޕެއިންގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ބަޔާނުން ވަނީ އެއްވެސް އަގެއްގައި އޮލީސޭ ނުވިއްކާނެ ކަމަށް ބުނެފަ އެވެ. 
ފްރާންސް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ދެން ކުޅެން ޖެހޭ މެޗުގައި، މުބާރާތުގެ ގަދަ 16 ބުރުގައި ބައްދަލުކުރާނީ، ޕެރަގުއޭއާ އެވެ. ޕެރަގުއޭ އިން ގަދަ 16 އަށް އައީ ނޮކައުޓް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ