މި އަހަރުވެސް ރާއްޖެއިން ފަލަސްޠީނަށް 50،000 ޑޮލަރުގެ އެހީ ދޭން ނިންމައިފި
މި އަހަރުވެސް ރާއްޖެއިން ފަލަސްޠީނަށް 50،000 ޑޮލަރު އެހީގެ ގޮތުގައި ދުނުމަށް ނިންމައިފިއެވެ. އެ ނިންމުން ނިންމާފައި އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި 'އަންރުވާ ޕްލެޖިން ކޮންފަރެންސް' ގައެވެ. އެ ކޮންފަރެންސްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއިން ކޮންމެ އަހަރަކު 50,000 އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެ އެހީއަކީ އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ އެޖެންސީ މެދުވެރިކޮށް ފޯރުކޮށްދޭ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. https://x.com/MVPMNY/status/2072378795772751910 މިނިސްޓްރީއިން ބުނި ގޮތުގައި އެކަން އިއުލާނުކޮށްފައިވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ދެއްވި ބަޔާނުގައެވެ. އެ ބަޔާނުގައި އަންރުވާއަށް އެހީތެރިވުމަކީ ހަމައެކަނި ބަޖެޓާ ގުޅޭ ނިންމުމެއް ނޫން ކަމަށާއި އެއީ ރައްޔިތެއްގެ ކަރާމާތް ދެމެހެއްޓުމަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބުނެފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަންރުވާ ހިންގުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ އެޖެންސީއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް ވެސް ސަފީރު އަލިއަޅުއްވާލައްވާފައިވެއެވެ. އެ އެޖެންސީގެ މުހިންމު ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. ހަމައެއާއެކު ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ސަފީރު ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފަލަސްތީނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރާއްޖެއިން އަންނަނީ ކޮންމެ އަހަރެއްގައިވެސް މާލީ އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް މީގެ ކުރިން ރާއްޖެއިން ފޯރުކޮށްދެމުންދިޔައީ ކޮންމެ އަހަރަކު 5،000 ޑޮލަރެވެ. ނަމަވެސް ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން އެ އަދަދު 50,000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ 'އަންރުވާ' އަކީ ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް ގެނައި ގޮތްޕެކެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ބާރުއަޅައި ރާއްޖެއިން ދަނީ އެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ